މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރުމުން ސަރުކާރު ވީއްލި، އެ މަސައްކަތް ޕްރަވަޓައިޒް ކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.
ދިވެހި މަސްވެރިން ބާނާ މަހަށް އެކަށޭނަ އަގެއް ހޯދައި ދިނުމާ ގުޅޭ ގޮތުން ޑިމޮކްރެޓުން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނީ ބާނާ މަހަށް އެކަށޭނަ އަގެއް ނުލިބުމާއި އަދި ކިރުވާ މަހަށް ގަވާއިދުން ފައިސާ ލިބެމުން ނުދިއުމަކީ ދިވެހި މަސްވެރިންގެ ޒަމާންވީ ޝަކުވާއެކެވެ. އަދި މި މައްސަލައަށް ދެމެހެއްޓެނެވި ދާއިމީ ހައްލެއް ހޯދައިނުދެވި އެންމެ ކުޑަމިނުން ކިރުވާ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ހޯދުމަށް، މަސައްކަތް ހުއްޓާލުމަށްފަހު މަސްވެރިން އިހުތިޖާޖު ކުރަންޖެހޭ ޖެހުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެޕާޓީގެ ބަޔާނުގައި ބުނީ ނިމިދިޔަ ސަރުކާރުންވެސް މައްސަލާގެ ހައްލާ ދިމާ އިދިކޮޅަށް ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގައި ބާނާ ހުރިހާ މަހަކަށް އެކަށޭނަ އަގު ހޯދައިދިނުމާއި އަދި ގަވާއިދުން މަސްވެރިންނަށް ފައިސާ ލިބުމުގައި މެދުވެރިވާ އެންމެ ބޮޑު އެއް ހުރަސްކަމުގައިވާ ސަރުކާރުން މަސް ގަނެ ޕްރޮސެސްކުރުމުގެ މަސައްކަތުގެ ތެރޭގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުން އިތުރަށް ފުޅާކުރަން ކުރި މަސައްކަތްތަކަކީ އެ ޕާޓީން އަބަދުމެ އެކަމާ ދޮކޮޅަށް އަޑު އުފުލާ، އަދި ވެރިކަމަށް އަންނަން ހުށަހެޅުއްވި ސިޔާސަތުތަކަށް ރުޖޫއަވުމަށް ކެނޑިނޭޅި ގޮވާލަމުންދިޔަ މައްސަލައެއް ކަމަށެވެ.
"މި ޕާޓީއިން ގަބޫލުކުރާ ގޮތުގައި، މަސްވެރިން ކިރުވާ މަހުގެ ބޮޑު އިންސަތައެއް ގަނޑުކުރި ރޯމަހުގެ (ރޯމެޓީރިއަލްގެ) ގޮތުގައި އެކްސްޕޯޓު ކުރާހާ ހިނދަކު މަސްވެރިކަމުން ދިވެހިރާއްޖެއަށް ލިބެންޖެހޭ ފުރިހަމަ ނަފައެއް ނުލިބޭނެއެވެ. އަދި ދިވެހި މަސްވެރިން ބާނާ މަހަށް އެކަށޭނަ އަގެއް ހޯދައި ދިނުމަށް މިހާރު ރާއްޖޭގައި މަސް ޕްރޮސެސްކުރުމަށް ބޭނުންކުރާ މޮޑެލް ބަދަލުކޮށް، ސަރުކާރުން އެކީ މި މަސައްކަތުގެ ތެރެއިން ވީއްލި، މިހާރު ހުރި ސަރުކާރުގެ މަސް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖްތައް ޕްރައިވެޓައިޒް ކުރުން ނުހަނު ބޭނުންތެރިކަމަށް މި ޕާޓީއިން ދެކެމެވެ" ބަޔާނުގައިވެއެވެ.
ޑިމޮކްރެޓުން ބުނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަކީ ވޭތުވެދިޔަ 40އަށް އަހަރުގައި ވެސް ހިންގަން މަސައްކަތް ކުރި މަސް ފެކްޓަރީއެއްކަން ފާހަގަކުރިއެވެ. ނަމަވެސް ސަރުކާރުގެ މަސް ފެކްޓްރީއަށް މަސް ގަނެވިއްކުމުގެ މޮޑެލް އިން މަހަށް އެކަށޭނަ އަގެއް ނުދެވޭ ކަމަށް ބަޔާނުގައިވެއެވެ. އަދި ކިރުވާ މަހަށް ގަވާއިދުން ފައިސާ ދޫނުކުރެވޭކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށްވެސް ބަޔާނުގައިވެއެވެ.