މަސްވެރިންގެ އަތުން ގަނެ، މިފްކޯއަށް ކިރުވާފައިވާ މަހަށް ވާ ފައިސާ ބޮޑު އީދުގެ ކުރިން މަސްވެރިންނަށް ދޫކުރުމަށް އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައިފިއެވެ.

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި ވަނީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ކަމަށެވެ.

ކިރުވި މަހަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް ވެސް ބޮޑު އީދުގެ ކުރިން ޖަމާކުރަން މި ޕާޓީން ގޮވާލަމެވެ. މަސްވެރިންގެ ހައްގުތައް ހޯދައި އިންޑަސްޓްރީ ހިމާޔަތް ކުރުމަށް އިހުތިޖާޖުކޮށް އެ މީހުންގެ އަޑުއުފުލުމުގެ ފުރުސަތު ތަންމިނަށް ހުޅުވިފައި އޮންނަން ޖެހޭނެއެވެ
އެމްޑީޕީގެ ނޫސްބަޔާން

ލޭނު މަސްވެރިކަން ހުއްދަ ކުރަން އުޅޭ ކަމަށް ބުނެ، ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ލޭނު މަސްވެރިކަން ހުއްޓުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2019 ވަނަ އަހަރުގެ ޖުލައި މަހުގައި ކަމަށެވެ. އެކަން ހުއްޓުވީ ލޭނު މަސްވެރިކަން ކުރުމުގެ ނަމުގައި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދިވެހި ކަނޑުތައް ވިއްކާލާފައި އޮތުމުން ކަމަށާއި ލޭނު މަސްވެރިކަމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކަނޑުތަކުގައި ޤާނޫނާއި، ގަވާއިދުތަކާއި، ބައިނަލްއަގުވާމީ މުއާހަދަތަކާ ހިލާފު އެތަކެއް ނޭދެވޭ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

"ލޭނު މަސްވެރިކަމަކީ ރާއްޖޭން ކުރަމުންދާ ދެމެހެއްޓެނިވި މަސްވެރިކަމަށް އޮތް ބޮޑު ހުރަހެއް. އެއީ ތިމާވެއްޓާ ބީރައްޓެހި މަސްވެރިކަމުގެ ބާވަތެއް ކަމަށްވާއިރު މިއީ ރާއްޖޭގެ މަސްވެރިން ޒަމާނުއްސުރެ ކުރަމުންދާ ‘ސަސްޓެއިނަބަލް ފިޝަރީސް’ އަށް ބޮޑު ނުރައްކަލެއް،" ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މާއްޓޭ)އާ ހަވާލާދީ އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ގޮވާލައި، އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖުތަކާއެކު މިފްކޯގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ފައިސާ ހޯދާފައިވާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ. އިނގިރޭސިވިލާތާއެކު އެމްޑީޕީގެ ސަރުކާރުން ގާއިމުކުރަން މަޝްވަރާ ކުރަމުންދިޔަ ފްރީ ޓްރޭޑް އެގްރީމެންޓުގެ ސްކޯޕް ފުޅާކުރުމުގެ ނަމުގައި މަޑުޖައްސާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

އެމްޑީޕީ ވެރިކަމުގައި “ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް”ގެ މެމްބަރުކަން ރާއްޖެއިން ހޯދާފައި ވަނީ ޔޫރަޕިއަން ޔޫނިއަނަށް ބޭރުކުރާ ދިވެހި މަހުން ޑިއުޓީ ކަނޑާލުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެ ޖަމުއިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބިފައިވާއިރު، ފުރިހަމަ ކުރަން ޖެހޭ އެހެނިހެން މަރުހަލާތަކަށް ފަހު، ރާއްޖޭގެ މަހުން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވީ އެންމެ އަވަހަކަށް ޔޫރަޕިއަން ޔޫނިއަންގައި އެދުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެއެވެ.