ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޭން އުޅޭ ކަމަށް ބުނެ، ބޮޑު ކަންނެލީގެ މަސްވެރިން ކަންބޮޑުވުންފާޅު ކުރަމުންދާތީ، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އެކަމަށް ޖަވާބު ދެއްވައިފިއެވެ.

ޖުމްހޫރީ މައިދާން ކުރިމަތީ ފަޅުތެރޭގައި މަސްވެރިން ކުރަމުންދާ މުޒާހަރާއަށް ވަޑައިގެން، މިނިސްޓަރު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަމަށް ހުޅުވާލުމާ ގުޅޭ ގޮތުން ގުޅުންހުރި ފަރާތްތަކާ އެކީގައި މަޝްވަރާގެ ބައްދަލުވުންތައް ކުރިއަށް ދިޔަ ކަމަށެވެ. ނަމަވެސް ލޭނު މަސްވެރިކަން ކުރުމަށް ދައުލަތުގެ އެއްވެސް ހިސާބަކުން އަދި ހުއްދަ ދީފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާން ހިމެނޭ، އެއް ނަމްބަރު ފާލަން ސަރަހައްދަށް ކަންނެލި އޮޑިފަހަރު ބަނދަރުކޮށްފައި-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި މެނިފެސްޓޯގައި ބޮޑު ކަންނެލި މިފްކޯއަށް ގަންނާނެ ކަމަށް ވައުދުވެފައިވެއެވެ. އަދި ބޮޑު ކަންނެލީގެ އަގު 80 ރުފިޔާ ކަނޑައަޅައި، އޭ ގްރޭޑް ނަމަ 100 ރުފިޔާއަށް ހަމަޖައްސާނެ ކަމަށް ސަރުކާރުގެ މެނިފެސްޓޯގައި ވަނީ ވައުދުވެފައެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ޝިޔާމް މިއަދު ވިދާޅުވީ މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން، މިއަހަރު އެ ކުންފުންޏަކަށް ބޮޑު ކަންނެލި ގަނެވެން ނެތް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މާލީ ހާލަތު ރަނގަޅުކޮށްގެންނޭ އެކަންތައްތައް އަޅުގަނޑުމެންނަށް ކުރެވޭނީ. ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑުމެންނަކަށް އެކަން މިއަހަރު ކުރެވޭނެއެކޭ ނެތް ދެންނެވޭކަށް،" މަސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާން ކުރިމަތީ، ފަޅުތެރޭގައި މުޒާހަރާ ކުރަމުންދާ މަސްވެރިން-- ފޮޓޯ/ ހުސައިން ހަސަން \ ހަތާވީސް

ތެޔޮ ޝެޑުތަކުން ދޫކުރާ އަގަށް ޑީސަލް، މަސްވެރިންނަށް ދޫކުރުމަށް ޑިމާންޑުކުރަމުންދާތީ، މިނިސްޓަރު ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ކަމެއް އެއީ، ޝެޑުތަކުން ލިބޭ އަގުގައި ކަންނެލި މަސްވެރިންނަށް ތެޔޮ ދޫކުރަން. އެކަން ކޮށްދެވޭނެ ދުވަހެއް މިތަނުގައި ހުރެފައި ދަންނަވާފައި ދާކަށް އަޅުގަނޑު ނެތިން،" މިނިސްޓަރު ވިދާޅުވިއެވެ.