ގާ ހުދުވާ މައްސަލައާ ގުޅިގެން ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތައް މަޑުޖައްސާލަން އެންގި އެންގުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިމުމަކަށް ގެނެސްފިއެވެ.

އީޕީއޭ އިން ނެރެފައިވާ އިއުލާނެއްގައި ބުނީ ބިން ހިއްކުން މަޑުޖައްސާލަން އެންގީ މިހާރު ހިނގަމުންދާ ގާހުދުވުމުގެ މައްސަލައާ ގުޅިގެން ފަރުގެ މާހައުލަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ކަމަށެވެ.

"އެ ގޮތަށް މެދުކަނޑާލަން އަންގާފައިވާ އެންގުން މިއަދުގެ ނިޔަލަށް ނިމުމަކަށް އައިކަމުގައި ވިޔަސް، ގާހުދުވުމުގެ މައްސަލަ އަދިވެސް ދެމިއޮތްކަން، އަޅުގަނޑުމެން ދަންނަންޖެހެއެވެ" އީޕީއޭ އިން ބުންޏެވެ.

ގާ ހުދުވުމުގެ މައްސަލައާ ގުޅިގެން ދިވެހިރާއްޖެ މިހާރު ވަނީ އެލާޓް ލެވެލް، 1 އަދި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުވެފައެވެ.

އީޕީއޭ އިން ބުނީ އެހެން ނަމަވެސް، ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫއުވާއިރު، އީ.އައި.އޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

ހަމައެހެންމެ، ބިންހިއްކުމާއި ފަޅުފުންކުރުމުގެ މަޝްރޫޢުތަކުގައި، މިވަގުތު މޫދާއި ފަރު ހިމެނޭ ސަރަޙައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް 31 އޯގަސްޓް 2024 ގެ ފަހަށް ކުރިއަށްގެންދާގޮތަށް ހަމަޖައްސައި ދިނުމަކީ އެ އޭޖެންސީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.