ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމުގެ ގޮތުން އެންމެ މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީ އިންސްޓިޓިއުޝަނަލައިޒް ކުރުމުގެ މުހިންމު މަސައްކަތްތަކެއް ފެށުމަށް އެ ޕާޓީން ތައްޔާރުވެއްޖެއެވެ.

އެ މަސައްކަތް ފެށުމަށް ނިންމީ ގައުމީ މަޖިލީހުގެ މެމްބަރުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ. ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ނިމިގެންދިޔަ ދެ އިންތިހާބު ގެއްލުނު ސަބަބުތައް ހޯދައި, ދިރާސާ ކުރުމަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މެމްބަރުންނާ ހިއްސާކޮށްފައެވެ.

އެގޮތުން, ކޮމިޓީގެ ފަރާތުން ޕާޓީގެ އެކިއެކި ފަރާތްތަކާ އިންޓަވިއުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ހަމައެހެންމެ, ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކޮށް މެމްބަރުންގެ ހިޔާލު ވެސް އެ ކޮމިޓީން ހޯދުމަށް ވަނީ ނިންމާފައެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޝާހިދު ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ

އިންތިހާބު ތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއި ގިނަ ދުވަހު އެމްޑީޕީއަށް ހިދުމަތް ކުރެއްވި ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވައި އެ ބައްދަލުވުންތަކުން ލިބިފައިވާ ހިޔާލުތައް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ގައުމީ މަޖިލީހާ ހިއްސާކުރައްވާފައެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާއިރު އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށް ވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިއްމު ކަމެއް ކަމުގައި ޗެއާޕާރސަން ވިދާޅުވިއެވެ.

އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ޗެއާޕާސަން ވިދާޅުވިއެވެ. މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ޗެއާޕާސަން ގައުމީ މަޖިލީހުގައި އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓް ފެންނަ އެމްޑީޕީއަށާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ޗެއާޕާރސަން ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ ކަމުގައި ޗެއާޕާސަން ވިދާޅުވިއެވެ.