މަހަކަށް ވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ އިންޑިއާގެ އާންމު އިންތިހާބުގެ ނަތީޖާ އިއްޔެ އިއުލާން ކުރިއިރު, ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވި ނަމަވެސް މޯދީގެ ފުރިހަމަ ބާރު ގެއްލި, ހީނުކުރާ ވަރުގެ ބޮޑު ނާކާމިޔާބީއަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އިންޑިއާގައި 2014 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަ މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބީޖޭޕީ ޕާޓީން މިފަހަރު އިންތިހާބަށް ނުކުތީ ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން 400 އަށް ވުރެ ގިނަ ގޮނޑި ހޯދުމަށް އަމާޒު ހިފައިގެންނެވެ. ނަމަވެސް ނަތީޖާ އިއުލާން ކުރިއިރު, ބީޖޭޕީއަށް އެކަނި ސަރުކާރެއް އުފެއްދުމަށް ބޭނުންވާ މަޖިލީހުގެ ދެ ބައިކުޅަ އެއްބައި ކަމަށްވާ 272 ގޮނޑި ވެސް ކާމިޔާބެއް ނުވިއެވެ. މިފަހަރު ބީޖޭޕީއަށް ކާމިޔާބު ކުރެވުނީ 240 ގޮނޑިއެވެ. މިއީ 2014 ވަނަ އަހަރުގެ އިންތިހާބުގައި 282 ގޮނޑި އަދި 2019 ވަނަ އަހަރުގެ އިންތިހާބުގައި 300 އަށް ވުރެ ގިނަ ގޮނޑި ހޯދި ބީޖޭޕީއަށް ކުރިމަތިވި ބޮޑު ލަދެކެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ކަމަށްވާ ރާހުލް ގާންދީ އިސްވެ ހުންނަވާ, އިދިކޮޅު ކޮންގްރެސް ޕާޓީ އާއި އެ ޕާޓީއާ ގުޅިގެން އުފެއްދި އިންޑިއާ އެލަޔަންސުން 230 އާ ގާތްކުރާ އަދަދެއްގެ ގޮނޑި މިފަހަރު ކާމިޔާބުކުރި އެވެ. ކޮންގްރެސް ޕާޓީއަށް 2019 ވަނަ އަހަރު ލިބުނީ އެންމެ 52 ގޮނޑި ކަމަށް ވީ ނަމަވެސް މިފަހަރު އެ ޕާޓީން އެކަނި ވެސް 99 ގޮނޑި ކާމިޔާބުކުރިއެވެ. މިއީ އިންތިހާބުގެ ކުރިން ނެގި ޕޯލްތަކުން ވެސް އިންޑިއާ އެލަޔަންސަށް ލަފާކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެކެވެ.
މިހާތަނަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ބީޖޭޕީއަށް އެކަނި ވެސް ސަރުކާރެއް އުފެއްދޭ ވަރުގެ އަޣުލަބިއްޔަތެއް އޮތް ނަމަވެސް, މޯދީގެ ތިން ވަނަ ދައުރުގައި ދެން ވެރިކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ ބީޖޭޕީ ހިމެނޭ ނޭޝަނަލް ޑިވެލޮޕްމަންޓް އެލަޔަންސް (އެންޑީއޭ) ގެ އެހެން ޕާޓީތައް ހިމަނައިގެންނެވެ. އެހެންކަމުން މޯދީގެ ތިން ވަނަ ދައުރަކީ އެހާ ޔަގީންކަން ބޮޑު އަދި ފަސޭހަ ދައުރަކަށް ވާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެންޑީއޭ ކޯލިޝަންގެ އެހެން ބައެއް ޕާޓީތަކަކީ އިދިކޮޅު ކޮންގްރެސް ޕާޓީއާ ގުޅިގެން ދާދިފަހަކާ ޖެހެންދެން މަސައްކަތްކުރި ޕާޓީތަކަކަށް ވުމުންނެވެ.
އެހެންކަމުން އެހެން ޕާޓީތަކުން މޯދީގެ ސިޔާސަތުތަކާ ދެކޮޅު ހަދަން ފަށައިފިނަމަ, ދައުރުގެ މެދު ތެރެއިން މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލި, މޯދީގެ ސަރުކާރު ވެއްޓުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންވެއްޖެނަމަ ދައުރުގެ މެދު ތެރެއިން ކޮންގްރެސް ޕާޓީގެ ވެރިކަމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
މިފަހަރު އިންތިހާބުގައި ބީޖޭޕީއަށް މުހިންމު އެތައް ދާއިރާތަކެއް ވެސް ގެއްލުނެވެ. މިސާލަކަށް ބަރްބަރީ މިސްކިތް ކުރިން ހުރި ތަން ތަޅާލުމަށްފަހު ހިންދޫންގެ އަޅުކަން ކުރާ ތަނެއް ހެދި ސަރަހައްދުން ވެސް ހިންދޫންގެ ބީޖޭޕީއަށް މިފަހަރު ލިބުނީ ނާކާމިޔާބެވެ. އަދި ބީޖޭޕީގެ މަޝްހޫރު މެމްބަރެއް ކަމަށް މިހާރުގެ މިނިސްޓަރެއް ކަމަށްވާ ކުރީގެ ފިލްމީތަރި ސިމްރިތީ އިރާނީއަށް ވެސް މިފަހަރު ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ސިމްރިތީއަކީ 2019 ވަނަ އަހަރު ރާހުލް ގާންދީއާ ވާދަ ކުރައްވައިގެން ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓެވެ.
ވާދަވެރި މި އިންތިހާބުގައި ބާރުގަދަ ބީޖޭޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު އެއް ސަބަބަކީ މުސްލިމުންނާ ދެކޮޅަށް ބީޖޭޕީން ގެންގުޅުނު ހަރުކަށި ސިޔާސަތުތަކާއި ވަޒީފާގައި ނެތް މީހުންގެ އަދަދު އިތުރުވުމާއި އިގްތިސާދީ މައްސަލަތަކެވެ. މިކަމާ ދެކޮޅަށް އެންމެ ވަރުގަދައަށް ވާހަކަ ދެއްކެވީ ރާހުލް ގާންދީއެވެ.
އިންޑިއާގައި ތިން ވަނަ ދައުރެއް ފުރިހަމަ ކުރައްވާ ބޮޑުވަޒީރަކަށް މޯދީ ވެ ވަޑައިގަތް ނަމަވެސް, އެމަނިކުފާނަށް ކުރިމަތިލާން ޖެހުނީ އޭގެ ކުރީގެ ދެ އިންތިހާބުގައި ކުރިމަތިނުވާ ވަރުގެ ބޮޑު ނާކާމިޔާބީއަކާއެވެ. އަދި ބީޖޭޕީއާ ގާތްކުރާ އިދިކޮޅު ކޯލިޝަނަށް ލިބުނު ބޮޑު އަގުލަބިއްޔަތުގެ ސަބަބުން ތިން ވަނަ ދައުރު މޯދީއަށް ފަސޭހަވާނެ ކަމަކަށް ނުބެލެވެއެވެ.