ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު (މަންޑޭ)އަށް ސިހުރު ހެދި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީބާ ދޫކޮށްލައިފިއެވެ.

ސިހުރު ހެދި ކަމަށް ބުނެ ފުނަދޫއިން މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ ތިންވަނަ ދުވަހުގެ ފަތިހުއެވެ. ފުުލުހުން ބުނީ ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް އަދި އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ގާތްގަނޑަކަށް މަހެއްހާ ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް މިމަހުގެ އެއްވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ހަތާވީސް" އަށް ވިދާޅުވިއެވެ.

"ހަތާވީސް"އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ތ. ވިލުފުށްޓަށް އުފަން މީހެކެވެ. ނަމަވެސް އޭނާގެ ރަށްވެހިކަން މިހާރު އޮތީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު "ހަތާވީސް"އަށް މީގެކުރިން ވިދާޅުވީ ސިހުރު ހެދީ މަޖިލިސް މެމްބަރު މަރާލަން ކަމަށް ރަށު ތެރޭގައި އަޑުފެތުރިފައިވާ ކަމަށެވެ.

ސިހުރު ހެދި މައްސަލާގައި ފުނަދޫ ރައްޔިތުން އެއްވެފައި: ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވޭ

ފުނަދޫގައި ވާދަ ދެކެވޭ ގޮތުން، ސިހުރު ހަދާފައި ވަނީ އެ ރަށުގެ ގަސްތަކަކަށެވެ.

އެކަމާ ގުޅޭ ގޮތުން "ހަތާވީސް"އާ ވާހަކަ ދައްކަވަމުން މަންޑޭ މީގެކުރިން ވިދާޅުވީ އޭނާގެ ކާމިޔާބީގެ އުފާފާޅުކުރި ދުވަހުގެ ރޭ ރަށުގެ ބޮޑުމަގުގައި ހުރި ނިކަ ގަހަކަށް އަލިކޮށްގެން މަރުތޭލަކުން އެއްޗެއް ޖަހާތަން ފެނިގެން މީހަކު އޭނާއަށް ގުޅައި އެ ވާހަކަ ކިޔައިދިން ކަމަށެވެ.

އަދި ބެލިބެލުމުން ނިކަ ގަހަކަށާއި މަދު ގަހަކަށް ލޯ މޮހޮރު ކަހަލަ އެއްޗެއް ޖަހައި، ސިހުރު ހަދާފައިހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.