ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން "ހިތި ބޭހެއް" ބޯން ޖެހޭނަމަ ސަރުކާރުން އެކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސާފުކޮށްދޭން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވި ގޮތުގައި އަވަށްޓެރި ސްރީލަންކާ 2022 ވަނަ އަހަރު ބަނގުރޫޓްވާ ހިސާބަށް ދިޔައިރު، ވެސް ދުނިޔޭގެ ބޮޑެތި އެއްވެސް ގައުމަކުން އެހީ ނުދިނީ އިގްތިސާދެއްގައި ހުންނަންޖެހޭ އެންމެ މުހިންމު ކަންކަން ލަންކާގައި ފުރިހަމަ ނުކުރެވި ހުރުމުންނެވެ. އަދި ހިލޭ އެހީ ދިނުމަކީ އެއްވެސް ގައުމަކުން އަބަދު މިހާރު ކުރާނެ ކަމެއް ނޫންކަން ގަބޫލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ގޯސް ކަމަށް ބުނަމުން ދާއިރު, ބޭރުގެ މާލީ އިދާރާތަކުން ބުނާ "ހިތި ބޭހެއް" ބޯންޖެހޭ ނަމަ އެކަން ސާފުވާން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ޕާކިސްތާނުގެ ސެންޓްރަލް ބޭންކްގައި މިހާރު ވެސް ސައުދީ އަރަބިއްޔާއިން ބަހައްޓައިދީފައި އެބަހުރި ތިން ބިލިއަން ޑޮލަރުގެ ޑިޕޮޒިޓެއް ހަމައެކަނި ފޮރިން ކަރަންސީ ސްޓެބަލައިޒް ކުރަން. އެއީ އެކަމަކު އައިއެމްއެފް އާއި ވޯލްޑް ބޭންކުން ބޯން ބުނި ހިތި ބޭސް ބޯން އެއްބަސްވީމަ. އެހެންވީމަ އަޅުގަނޑުމެންނަށް ވެސް ހިތި ބޭސް ބޭސް ސިޓީއެއްގައި އޮތިއްޔާ އެ ވެސް އެނގެންވީއޭ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއްތޯ ކޮށްދޭންވީ ކޮން ކަމެއްތޯ. މިހެން ގޮސް ބަނގުރޫޓްވީމަ ކަމަކު ނުދާނެ." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މާލިއްޔަތު ކޮމެޓީގައި އިސްކަން ދޭނީ ޕާޓީގެ މަސްލަހަތަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތަށެވެ. އަދި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ދާނެ ކަމަށް ރައްޔިތުން އުއްމީދު ކޮށްގެން ތިބިއިރު, ރާއްޖޭގެ މާލީ ހާލަތުގެ ވާހަކަ ވެސް ރައްޔިތުންނަށް ސަރުކާރުން ތިލަކޮށްދޭން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އިންތިހާބީ މޫސުން މިހާރު މި އޮތީ ނިމިފައި. އެހެންވީމަ އަޅުގަނޑު މި ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ރައްޔިތުންގެ ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް އޮތީ ބަނަ ދުވަސްތަކެކޭ. އެ މަންޒަރު އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން ރަނގަޅު މަންޒަރު ދެއްވީމަ." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޓެކްސް ބޮޑުކުރުން ނުވަތަ އެ ނޫން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އަންނަ އަހަރުގެ ބަޖެޓް ފާސްކުރަންދެން މަޑުނުކޮށް, ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީއަށް މިހާރު ސާފުކޮށްދޭން ޖެހޭނެ އެވެ. އެހެންވެ, ފިނޭންސް މިނިސްޓަރު މާލިއްޔަތު ކޮމެޓީއަށް އަވަހަށް ހާޒިރުކުރަން އޭނާ އެދިވަޑައިގަތެވެ.
މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް މުގައްރިރުކަމުގައި އިންނަވައިގެން، ނާޒިމްގެ އެ ހުށަހެޅުން ކޮމެޓީގެ އިއްތިފާގުން އިއްޔެ ފާސްކޮށް، ފިނޭންސް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކުރަން ނިންމިއެވެ.