ނިމިދިޔަ ސަރުކާރުން މާލޭ މީހުންނަށް ދޫކުރި ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި، އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމުން އެ ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
އެ ބިލު މަޖިލީހުން ބޭރުކޮށްލުމުގެ ކުރިން ކޮމެޓީއަށް ބިލު ފޮނުވުމަށް ބިލު ހުށަހެޅުއްވި މެމްބަރު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވިއެވެ. ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް އެ ބިލު ފޮނުވަށް ހުށަހެޅި މައްސަލަ ފާސްނުވުމުން އެ ބިލު އޮތް ގޮތަށް ފާސްކުރަން ރިޔާސަތުން ވޯޓަށް އެހިއެވެ. ނަމަވެސް 77 މެމްބަރުން ވޯޓު ދެއްވީ އެ ބިލު ފާސްކުރަން ނުފެންނަ ކަމަށެވެ.
އެގޮތަށް ފާސްނުވުމުން އެ ބިލު ބާތިލުވީ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިއުލާން ކުރެއްވިއެވެ.
ގޯތި ހަވާލުކުރަން ލާޒިމުކުރާ ބިލު މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ކުރިން ފޮނުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން އެގޮތަށް ފާސްކުރީ އެ މަޖިލީހުގެ ދައުރު ހަމަވާން މަހަކަށްވެފައިވަނިކޮށެވެ.
މީކާއިލް ހުށަހެޅި ބިލުގައި ބުނެފައި ވަނީ އެ ބިލު ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް ގާނޫނަށް އަމަލުކުރަން ފަށާ ތާރިހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރައްވާނެ ކަމަށެވެ.
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ތިން ވަނަ ފިޔަވަހިންނާއި ގުޅިފަޅު އަދި ގިރާވަރުފަޅުން 9،001 ގޯތި ދޫކުރަން ނިންމިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ