އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން އަމަލު ކުރާ ގޮތުން، އެކަމުގައި ސަރުކާރުގެ ހެޔޮނިޔަތެއް ނެތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މައުރޫފް ޒާކިރު (މާއްޓޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މާއްޓޭ ވިދާޅުވީ އިޒުރޭލު ޕާސްޕޯޓް މަނާނުކޮށް، ހިފެހެއްޓުމަކީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އިޒުރޭލުގެ ޕާސްޕޯޓް މަނާކުރަން ހުރަސް އެޅޭނެ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ކަމަށާއި އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކުން މަނާކުރެވޭނެ ކަމަށެވެ.
އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް، އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރުމުން ވެސް އެކަމުގެ ކަންބޮޑުވުން މާއްޓޭ ފާޅުކުރެއްވިއެވެ.
"ހަގީގަތުގައި އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވަން ޖެހޭނެ. އުސޫލެއްގެ ގޮތުން އެއްވެސް ބިލެއް މަޖިލީހަށް ހުށަހެޅިފައެއް ވެސް ނެތް. އެހެންނަމަވެސް އެކަން ނުކުރައްވާ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ މީގެ މުއާލާތް ކެނޑި ވަގުތު ދުއްވާލުމުގެ ގޮތުން ސަރުކާރުން ހެޔޮ ނިޔަތެއް ނެތި ކުރާ ކަމެއް، އިޒުރޭލުގެ ޕާސްޕޯޓް ބޭން ނުކުރަން މި ދައްކާ ވާހަކަތަކަކީ،" މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫސީ) ރައީސް އަދި ޓޫރިޒަމް އެމްޕޮލޮއީސް އެސޯސިއޭޝަން (ޓީމް)ގެ ސެކަރެޓަރީ ޖެނަރަލްކަން ވެސް ކުރައްވާ މައުރޫފު ވިދާޅުވިއެވެ.
އިޒުރޭލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ނިންމީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. ކެބިނެޓުން ނިންމާފައި ވަނީ ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ކުރުމަށް ވަޒީރުންގެ ކޮމެޓީއެއް ނެގުމަށެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެޓަރނީ ޖެނަރަލް އުޝާމާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު ފައިސަލްގެ އިތުރުން އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.