އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދެމުން ގެންދާ ސަޕްލައި ފެނުގެ ހިދުމަތަށް އިހުމާލުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫން ކަމަށާއި އެކަމަށް އިހުމާލުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މަޖިލިސް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމުގެ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތީ 83 މެންބަރުންގެ ވޯޓުންނެވެ.
ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ ސާފު ފެން ފޯރުކޮށް ދިނުމުގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް މިހާރުން މިހާރަށް ހައްލުކުރަން ސަރުކާރަށް ގޮވާލާ ކަމަށެވެ.
މައްސަލަ އަށް ބަހުސް ކުރުމަށް ރިޔާސަތުން ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އައްޑޫ ސިޓީގެ ފެނުގެ ސްޓޯރޭޖު މެއިންޓަނެންސް ނުކުރުމުގެ ސަބަބުން ހުރީ "ދަބަރަށް ގޮސް" ހުސްވެފައި ކަމަށެވެ.
"މި ސަރުކާރު ހަވާލުވިއިރު ފެނަކައިގެ ހާލަތު އޮތީ 4.6 ބިލިއަނުން ކުންފުނި ދަރުވާލާފައި. ވައްކަން ކޮށްކޮށް،" ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މުޅި އައްޑޫ ސިޓީގެ ހުރިހާ ދާއިރާއެއް މަޖިލީހުގައި ތަމްސީލު ކުރުމަށް ތިއްބެވީ އެމްޑީޕީގެ މެންބަރުން ކަމަށާއި 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ހުންނެވީ އައްޑޫ ބޭފުޅެއް ކަމަށެވެ. އަދި 19ވަނަ ރައްޔިތުން މަޖިލީހުގައި އެންމެ ފަހުން ހުންނެވި މަޖިލިސް ރައީސަކީ ވެސް އައްޑޫ ބޭފުޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވީ ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ދެކަމެއް ފާހަގަކުރެއްވި ކަމަށާއި އެގޮތުން އައްޑޫގެ ފެނުގެ މައްސަލަ އަށް އިހުމާލުވީ ކޮންބައެއްތޯ ސުވާލު ކުރައްވާފައިވާ ކަމަށެވެ.
"ޝައްކެއް ވެސް ނެތް. އެކަމުގެ ފުރިހަމަ އިހުމާލު، ރެސްޕޮންސިބިލިޓީ [ޒިންމާ] އުފުލަން ޖެހޭނީ ރައީސް އިބްރާހީމްގެ ސަރުކާރުން. އަޅުގަނޑުމެންގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފެނަކައިގެ ދަރަންޏަކީ ހަތަރު ބިލިއަން ރުފިޔާ. ފެނަކައިގެ ރިޕެއާ އަދި މެއިންޓެނަންސް އަށް ހުރި ބަޖެޓުގެ ބޮޑު ބައި ހޭދަ ކޮށްފައި ވަނީ އެހެން ކަންކަމަށް،" އަޒާން ވިދާޅުވިއެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވީ އައްޑޫގެ ފެނުގެ މައްސަލަ އަކީ މިއަދު [ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި] ނޫން ކަމަށެވެ. މެންބަރު ޝުޖާއު ފާހަގަކުރެއްވި ފަދައިން މެންބަރު ހަސަން މުފީދު ވަނީ އެ މައްސަލަ ދިމާވީ ފެނުގެ ސްޓޯރޭޖު ދަބަރަށްވެ ފީވެގެން ދިއުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.
"އޭރުވެސް މިކަންކަމަށް އެދެވޭ ހައްލެއް ގެނެވިފައި އޮތް ނަމަ، މިއަދު މި މައްސަލަ މިގޮތަކަށް ދިމާވެގެން ނުވާނެ. ދިމާވެގެން ނުދާނެކަން ޔަގީން. އެހެންވީމަ އަޅުގަނޑުމެން [ސަރުކާރުން] އަބަދުވެސް މަސައްކަތް މިކުރަނީ މި ސަރުކާރު ހާއްސަކޮށް މަސައްކަތް މިކުރަނީ ދިވެހި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކީގައި ކަންކަން ފަހިކޮށްދީ އަސާސީ ހިދުމަތްތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ގެންގޮސް ދިނުމަށްޓަކައި،" ހަސަން މުފީދު ވިދާޅުވިއެވެ.
ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ މެންބަރު ނާޒިލް އެ މައްސަލަ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަޖިލީހަށް ހުށަހެޅުއްވި ނަމަ ވަރަށް އުފާފާޅު ކުރެއްވީސް ކަމަށާއި އެއީ ނިމިދިޔަ ފަސް އަހަރުވެސް އައްޑޫގެ ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފެއް [ފެނުގެ މައްސަލަ] ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ހައްލު ކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށް އެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.