އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދެމުން ގެންދާ ސަޕްލައި ފެނުގެ ހިދުމަތަށް ދިމާވަމުން އަންނަ މައްސަލަތައް ރައްޔިތުން މަޖިލީހުގެ ސަމާލު ކަމަށް ގެނެސްފިއެވެ.
މަޖިލީހުގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމުގެ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތީ 83 މެންބަރުންގެ ވޯޓުންނެވެ.
ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ ސާފު ފެން ފޯރުކޮށް ދިނުމުގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް މިހާރުން މިހާރަށް ހައްލުކުރަން ސަރުކާރަށް ގޮވާލާ ކަމަށެވެ.
މައްސަލަ އަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ ސާފު ފެން އައްޑޫ ސިޓީގެ ރައްޔިތުންނަށް ގަވާއިދުން ނުލިބޭތާ ދެ މަސް ދުވަސް ވެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ ގޮތުން އެކަން ފޯރު ކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނާ މަޝްވަރާ ކުރެވުނު ކަމަށް ނާޒިލް ވިދާޅުވިއެވެ.
"ގަވާއިދުން ފެން ލިބެމުން އައިސް ވެރިކަން ލިބުމުން ހަމަސް ދުވަސް ވެގެން މިދިޔައީ. ކުރިޔަށް ދިޔަ ހަތަރު މަހު ގަވާއިދުން ފެން ލިބުނު. ދެމަސް ދުވަސް މި ދިޔައީ ފެން ނުލިބި. އިހުމާލުތަކެއް ވިކަން ޔަގީން ކަށަވަރުވެއްޖެ،" ނާޒިލް ވިދާޅުވިއެވެ.
ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކަށް ދިމާވާ މައްސަލަތައް ވަގުތުން ވަގުތަށް ހައްލު ކުރަން ޖެހޭނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ އައްޑޫގެ ފެނުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ 2010ވަނަ އަހަރު އޭރުގެ އެމްޑީޕީ ސަރުކާރުން ކަމަށާއި ވެރިކަން ބަދަލުވިއިރު އެ މަސައްކަތް އޭރު ރަނގަޅަށް ނުފެށޭ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތާއި ފަހުން ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ކަމަށާއި ހައުސިން މިނިސްޓަރަކަށް އޭރު ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
އައްޑޫ ފެނުގެ މަސައްކަތް ކުރަމުން ދިޔަ ކުންފުނިން ރައީސް ވަހީދުގެ ސަރުކާރުން އައްޑޫން ބޭރުކޮށް ފޮނުވާލި ކަމަށް ވިދާޅުވެ ނާޒިލް ވިދާޅުވީ ރައީސް ވަހީދުގެ ދެ އަހަރާއި ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރާއެކު ޖުމްލަ ހަތް އަހަރު ނިމިގެން ދިޔައީ އައްޑޫ ސިޓީ އަށް ފެނާ ނަރުދަމާ ނުލިބި އޮވެ ކަމަށެވެ.