ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅާ މެމްބަރަކަށް މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖޭއެސްސީއަށް ރިޒާގެ ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރަކެވެ. އެ ނަމަށް ތާއިދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ރިފާއު (ބޮޗޭ) އެވެ.

އޭނާގެ ނަން މަޖިލީހުން ފާސްކުރުމަށް 83 މެމްބަރުން ވޯޓު ދެއްވިއެވެ. އެ މެމްބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ޖޭއެސްސީއަކީ އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ވަކިކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުއައްސަސާއެވެ. މީގެ އިތުރުން ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅަކީ ވެސް އެ ކޮމިޝަންގެ މަސްއޫލިއްޔަތެކެވެ.

ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ 10 މެމްބަރުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.