ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހް ކޮށްފިއެވެ.

މި މަޝްރޫއު ފަށާފައި ވަނީ ކ. މާފުށީ ސްކޫލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާލުމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ކާމިޔާބު ކުދިންތަކެއް އުފެއްދޭނީ އެކުދިންނަށް ތައުލީމު ދީގެން ކަމަށެވެ. އެ ތައުލީމު ދަރިވަރުންނަށް ދިނުމަށްޓަކައި ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތަކާއި ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަދައްކަވަނީ: ފޮޓޯ | އެޑިއުކޭޝަން

"އެފަދަ ކާމިޔާބު އިންސާނެއް އުފެއްދުމަށް ލިބެންޖެހޭ ހުރިހާ ތަޢުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެށްޓަކަށް ސްކޫލް ވެށި ވެގެންދިޔުމަކީ އަޅުގަނޑުމެންގެ އަމާޒު. އަދި މިފަދަ ޕްރޮޖެކްޓެއް ފެށުމުގެ ބޭނުމަކީވެސް އެއީ،" މިނިސްޓަރު ވިދާޅުވިއެވެ.

"ކޫލް ސްކޫލް" ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުގައެވެ. އެގޮތުން އެންމެ ފުރަތަމަ އޭސީ ކުރެވިގެން ދިޔައީ މާފުށީ ސްކޫލެވެ. މާފުށީ ކައުންސިލުން ވަނީ އެ ޕްރޮޖެކްޓްގެ ފޭސް އެކެއްގައި ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެހީތެރިކަންދެއްވާފައެވެ.

ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ | އެޑިއުކޭޝަން މިނިސްޓްރީ

އަދި މި ޕްރޮޖެކްޓްގެ ފޭސް ދޭއްގައި ސްކޫލުގައި ސޯލާ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓު ސޯލާ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ހަރަދު ކުޑަވެގެންދާނެއެވެ.