އިޒުރޭލުން ގާޒާގައި ހިންގާ ގަތުލުއާންމަށް އެހީތެރިވެދިނުމުގެ ގޮތުން އިނގިރޭސީވިލާތުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުންދާތީ، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވާން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

"ރަފާޙް އަނދަނީ" މި ނަމުގައި އާޓްފިޝަލް ބީޗުގައި މިއަދު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ކޮމަންވެލްތުގެ ހެޑަކީ އިނގިރޭސީ ރަސްގެފާނު ޗާލްސް ކަމަށާއި އިނގިރޭސީ ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ ވެސް އޭނާ ކަމަށެވެ.

"އިނގިރޭސީވިލާތުގެ ކޮމަންވެންލްތުން ރާއްޖެ ވަކިވާންޖެހޭނެ. ސަބަބަކީ ކޮމަންވެލްތުގެ ހެޑަކީ ރަސްގެފާނު. ރަސްގެފާނަކީ އިނގިރޭސީ ލަޝްކަރުގެ އެންމެ މަތީ ވެރިޔާ. އިނގިރޭސީ ލަޝްކަރުން ގެންދަނީ ހަތިޔާރު ފޮނުވަމުން، ފަލަސްތީނާ ދެކޮޅަށް،" ގިނަ ބަޔަކު ބައިވެރިވި އެއްވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވިއެވެ.

މެއި 31، 2024: ރަފަޙް އަނދަނީ، މި ނަމުގައި އާޓްފިޝަލް ބީޗުގައި މިއަދު ބޭއްވި އެއްބައިވަންތަކަމުގެ އެއްވުމުގެ ތެރެއިން-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

އުމަރު ވިދާޅުވީ މުސްލިމުންނަކީ އެކަތިގަނޑެއް ކަމަށާއި އެއް އުއްމަތެއް ކަން، އިސްލާމް ދީނުގައި އަންގަވާފައިވާ ކަމާށާއި ދިވެހިންގެ ހައިސިއްޔަތުން އިޒުރޭލާ ދެކޮޅަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަންޖެހޭ ކަމަށެވެ.

އެގޮތުން އިޒުރޭލަށް މަދަދުވެރިވާ އެމެރިކާއާ ދެކޮޅަށް ވެސް ދިވެހިން ފިޔަވަޅު އަޅަންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން އެމެރިކާ އެކު ދިވެހި ސިފައިން ސަލާމަތީ ގޮތުން، އެއްބާރުލުމެއް ދީގެންނުވާނެ ކަމަށް އެނާ ވިދާޅުވިއެވެ.

މިއީ ދިވެހިރާއްޖެއިން އަޅަން ހުރި ފިޔަވަޅު. އަޅުގަނޑުމެންގެ ހައިސިއްޔަތުން ކުރެވެން އޮތް މިވަރު ކަމެއް ވެސް އަޅުގަނޑުމެން ކުރަންވާނެ،
އުމަރު ނަސީރު، ކުރީގެ ހޯމް މިނިސްޓަރު

އުމަރު ވިދާޅުވީ އިޒުރޭލުގެ ޓޫރިސްޓުން ރާއްޖެ އައުން ހުއްޓުވުމަށް އިޒުރޭލުގެ ޕާސްޕޯޓް މަނާކުރަން ދިވެހިރާއްޖެއިން ފަސްޖެހިގެން އުޅެނީ "އަތުން ޑޮލަރުކޮޅެއް މަދުވެދާނެތީ" ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުން ޑޮލަރު ކޮޅެއް މަދުވެދޭތީ އިޒުރޭލުގެ ޕާސްޕޯޓް ބޭން ކުރަން ޖެހިލުންވެގެން މި ތިބެނީ އެކިއެކި ފާޑުފާޑުގެ 'އެކްސްކިއުޒް' ދައްކައިގެން. ތިބޭފުޅުން ބައްލަވަން ތިއްބަވާ މިފަހަރުވެސް. އަޅުގަނޑުމެންނަށް ލިބިދާނެ ޑޮލަރުކޮޅު މަދުވެދާނެތީވެ. އެކަމަކު އަޅުގަނޑުމެންގެ މުސްލިމުން މިތިބީ ނުކައޭ،" އުމަރު ވިދާޅުވިއެވެ.

މެއި 31، 2024: ރަފަޙް އަނދަނީ، މި ނަމުގައި އާޓްފިޝަލް ބީޗުގައި މިއަދު ބޭއްވި އެއްބައިވަންތަކަމުގެ އެއްވުމުގެ ތެރެއިން-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވިއެވެ. ތިރީސްހަތަރު އަހަރަށްފަހު، ކޮމަންވެލްތުން ރާއްޖެ އޭރު ވަކިވީ ސިޔާސީ ފަރާތްތައް ހައްޔަރުކޮށް، އޭރުގެ ސަރުކާރުން މަދަނީ ހައްގުތަކަށް ހިފެހެއްޓުމާ ގުޅިގެން ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. ކޮމަންވެލްތުން ވަކިވާން ޔާމީންގެ ސަރުކާރުން ނިންމީ އެ ފިޔަވަޅުތަކުން ސަލާމަތް ވުމަށެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އިން ކޮމަންވެލްތާ އަލުން ގުޅުނީ ރައީސް ސާލިހުގެ ވެރިކަމުގައި ފެބްރުއަރީ 1، 2020ގައެވެ.