ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ހަމަސް ދުވަސް ފާއިތުވެގެން ދިޔައިރު ވޭތުވެދިޔަ މަސްތަކުގައި ކުރީ ސަރުކާރުން އަމިއްލަ ފަރާތްތައް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް ނުދައްކާ ހުރި ބިލުތަކަށް 11.3 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ 11.3 ބިލިއަން ރުފިޔާގެ ތެރެއިން އޭގެތެރެއިން 6.4 ބިލިއަން ރުފިޔާ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ. ގިނަ އަދަދެއްގެ ފައިސާތައް ދައްކާފައިވީ ނަމަވެސް އަދިވެސް ދެ ބިލިއަން ރުފިޔާ ދައްކަން އެބަހުރި ކަމަށް ޝަފީގު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އެކިއެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ހުންނަ މުއްދަތު ދަށް ކުރުން ކަމަށެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ބިލުތައް ކްލިއާ ކުރުމަށް ނެގި މުއްދަތު 14 ދުވަހަށް ދަށް ކުރެވުނުކަން ފާހަގުރެއްވިއެވެ.
ގިނަ އަދަދެއްގެ ބިލުތަކެއް ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއިރު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ އާއްމު ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ކުރީ ސަރުކާރުން ނުދައްކާ ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ތަފާތު އެކި ފޯރަމްތަކުގައި ވިދާޅުވެފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ 11.3 ބިލިއަން ރުފިޔާގެ ތެރެއިން 4.9 ބިލިއަން ރުފިޔާ އަކީ އާއްމު ފަރާތްތަކަށް ނުވަތަ އަމިއްލަ ކުންފުނިތަކަށް ދައްކާފައިވާ ފައިސާ ކަމަށް ވިދާޅުވެފައެވެ.