ތިލަމާލެ ބްރިޖުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އިންޑިއާގެ ހައި ކޮމިޝަނަރާއި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް މަޝްވަރާ ކުރައްވައިފިއެވެ.
މިއީ ތިލަމާލް ބްރިޖުގެ މަސައްކަތާއި ގުޅޭ ގޮތުން އެކުލަވާލާފައިވާ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީގެ ބައްދަލުވުމެކެވެ. މިއީ މި ކޮމެޓީގެ 11ވަނަ ބައްދަލުވުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ. އެ ބައްދަލުވުން އޮތީ އެ މިނިސްޓްރީގައެވެ.
އެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންޑިއާ ހައި ކޮމިޝަނަރާއި އެ ކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކަނޑައެޅިފައިވާ ތާރީހަށް ބްރިޖުގެ މަސައްކަތްތައް ނިންމުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
ތިލަމާލެ ބްރިޖު:
ހައެއް ޕޮއިންޓު ހަތަރެއް ހަތެއް ކިލޯ މީޓަރު ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓު ކަމަށް ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފައެވެ.
ހައެއް ޕޮއިންޓު ހަތެއް ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއާޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގުހިމެނެއެވެ.
މާލެ އަދި ވިލިމާލެ އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ޖަރުކުރެވިފައި ހުންނާނެއެވެ. އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެކެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.