ވަގު ރަޖިސްޓްރީ ހަދައިގެން މާލޭގައި ދުއްވާ ވެހިކަލްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުންނާ އެކު ވަރަށް އަވަހަށް ފަށާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަގު ވެހިކަލްތައް ހޯދުމަށް ނިންމާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން އަލަށް ފަށާ "މާލެ ފަހި" ޕްރޮގްރާމްގެ ދަށުންނެވެ. ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި ޓްރާސްޕޯޓް ގުޅިގެން ފަށާ އެ ޕްރޮގްރާމް، ވަޒީރުންގެ މަޖިލީހުން އަދި ފާހެއް ނުކުރެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގައި މިނިސްޓަރު އަމީން ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ޕާކިން ބިންޑިންގ އެޅުމާއި، މީހުންގެ ގޭގައި އެނގުމެއް ނެތި، ރަޖިސްޓްރީކޮށްފައިވާ ގަރާޖު ރަޖިސްޓްރީ އުވާލައްވާނެ ކަމަށެވެ.

މީގެ އިތުރުން ގާނޫނުގައި ވަކި ގޮތަށް އުޅަނދުތައް ރަޖިސްޓްރީ ކުރަން ބުނެފައި ވަނިކޮށް، އެކި ޒޯންތަކުގައި ދުއްވާ ވެހިކަލްތައް މާލެ ސަރަހައްދަށް ގެނެސްގެން ވަގު ރަޖިސްޓްރީ ގެންގުޅޭ ކަމަށާއި އެކަން ބަލައި ހައްލު ހޯދުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރަޖިސްޓްރެޝަން ޕްރޮސެސްއެއް ނެތި ވަރަށް ގިނަ ވެހިކަލްތައް އެބަ ދުއްވާ. އެކަމަށްޓަކާ ހާއްސަ ޕްރޮގްރާމެއް ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ފެށުމަށްޓަކާ ތައްޔާރުވެފައި މިވަނީ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މާލޭ މަގުގައި ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް މާލޭގެ ސަރަހައްދުގައި ބަހައްޓާފައިވާ 281 އުޅަނދު މަގު މަގުތަކުން ނަގައި، މިދިޔަ މާޗު މަހު ވަނީ ނައްތާލާފައެވެ.

މި އަހަރުގެ މާޗު މަގު މާލެ މަގުތަކުގައި ނަގައި ނައްތާލި އުޅަނދުތައް-- ފޮޓޯ/ ޓްރާންސްޕޯޓް

މިނިސްޓަރު ވިދާޅުވީ މާލޭ އޭރިއާގައި 281 އުޅަނދު މަގުތަކަށް އުކާލާފައި ހުންނާނެ ކަމަށް ކުރިން ގަބޫލުނުކުރެވޭ ކަމަށާއި ނައްތާލި އުޅަނދުތަކަކީ ވެރިފަރާތުން އެދިގެންނާއި އިންޖީނު ނަގާފައި މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ގިނަވެގެން މާލޭގައި ދުއްވާނެ ވެހިކަލްގެ އަދަދު ކަނޑައެޅުއްވާނެ ކަމަށާއި ވެހިކަލެއް އެންމެ ދިގު މުއްދަތަކަށް ދުއްވޭނެ އުމުރު ވެސް ކަނޑައަޅުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް އޮތް ހަ މަސް ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.