ށ. ނަރުދޫގައި ބައްޕައާއެކު ދިރިއުޅެމުން ދިޔަ ދެ ކުއްޖަކު އެކުދިންގެ މަންމައާ ހަވާލުކުރުމަށް ކޯޓު އަމުރު ކުރުމުން ވެސް، ދަރިން މަންމައާ ހަވާލު ނުކުރާން ބައްޕަ ދެކޮޅު ހަދައިފިއެވެ.

ނަރުދޫގައި މިއަދު ހިނގި އެ ހާދިސާއާ ގުޅޭ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯ އިން ފެންނަނީ ގިނަ އަދަދެއްގެ ފުލުހުންގެ އެހީތެރިކަމާއެކު ދަރިންގެ މަންމަ އެ ކުދިން ގޮވައިގެން އެރަށުން ދާން މަސައްކަތް ކުރާ މަންޒަރެވެ. އަދި ކުދިންގެ މަންމައާ ކުދިން ހަވާލު ނުކުރުމަށް އެކުދިންގެ ބައްޕައާ އެރަށުގެ ބައެއް މީހުން ވެގެން ދެކޮޅު ހަދާ މަންޒަރުވެސް ފެނެއެވެ.

ކުދިންގެ މަންމަ އަކީ ކ. ދިއްފުށީ މީހެއް ކަމަށްވެއެވެ. އަދި ކުދިންގެ ބައްޕައާ ކައިވެނި ކޮށްގެން ކުދިންގެ މަންމަ ދިރިއުޅެމުން ދިޔައީ ވެސް ނަރުދޫގައެވެ. އެ ކައިވެންޏަށް ހަތަރު އަހަރާއި އަށް އަހަރަށްދާ ދެ ކުދިން ލިބިފައިވެއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ގުޅިގެން މީގެ ދެއަހަރެއްހާ ދުވަސް ކުރިން ޗުއްޓީ އަށް ރަށަށް ދިޔަ ކުދިންގެ މަންމަ އެނބުރި އައިސްފައެއް ނުވެއެވެ. ބައްޕައާ ދަރިން ހަވާލުކުރީ ޖެންޑާގެ މަސައްކަތުން ކަމަށްވެއެވެ.

"ނޭނގެ އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ކުދިންގެ މަންމައާ ކުދިން ހަވާލުކުރަން ކޯޓުން އަމުރުކުރީ ކީއްވެގެން ކަމެއް. ކުދިން ބައްޕައާ ހަވާލުކޮށްފައި ވަނީ ޖެންޑާގެ މަސައްކަތުން،" އެރަށުން ވާހަކަދެއްކި މީހަކު "ހަތާވީސް" އަށް ކިޔައިދިނެވެ.

އެމީހާ ބުނީ އިއްޔެވެސް ފުލުހުން އެރަށަށް އައި ކަމަށެވެ. ނަމަވެސް އާއިލާ އިން ދެކޮޅު ހެދުމުން ފުލުހުންނަށް ކުދިން ނުގެންދެވުނު ކަމަށާއި މިއަދު ވެސް ފުލުހުން އައީ ފުލުހުންގެ މައްޗަށް ތަންފީޒު ކުރުމަށް ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ކަމަށް އެމީހާ ބުންޏެވެ.

ކޯޓުން ހުކުމް ކޮށްފައި އޮތީ އެކޯޓުން ބަލަމުންދާ މައްސަލައެއް ބަލާ ނިމެންދެން ކުދިންގެ މަންމައާ ކުދިން ހަވާލު ކުރުމަށް އަމުރު ކުރާ ކަމަށެވެ.