ސަރުކާރުގެ ސުޕަ މެޖޯރިޓީ 20ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބޭނުންހާ ކަމެއް ކުރުމަށް "ރަބަރު ސްޓޭމްޕް" ޖަހަން އޮތް ތަނަކަށް ނުހެދުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އިލްތިމާސް ކުރައްވައިފިއެވެ.

ސަތާރަވަނަ ރައްޔިތުން މަޖިލީހުން ފެށިގެން ޖުމްލަ ތިން ދައުރު (15 އަހަރު) މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު މިއަދު އިންތި ވަނީ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން މަޖިލީހުގައި ފަހު ފަހަރު ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވަނީ މަޖިލިސް މެންބަރެއްގެ ގޮތުގައި މިހާތަނަށް ކުރެވުނު ތަޖުރިބާތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން އިންތި ވިދާޅުވީ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ވެސް އަދި މަޖިލިސް މެންބަރުކަމުން ވަކިވެވަޑައިގަންނަވާއިރު ވެސް ގަބޫލުކުރައްވަން ދަތި އޮތީ އެންމެ ކަމެއް ކަމަށެވެ. އެއީ މަޖިލީހުގެ އިމްތިޔާޒުތަކަށް ބަދަލު ގެނައުން ކަމަށް ވިދާޅުވިއެވެ.

"އެނގިގެން ވިޔަސް އަދި ނޭނގި ކަމުގައި ވިޔަސް އެ ކަނޑުވާލެނީ ރައްޔިތުންގެ ބާރުވެރިކަން. މިއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް،" އިންތި ވިދާޅުވިއެވެ.

މަޖިލީހަކީ ރައްޔިތުންގެ ބާރުވެރިކަން ރަމްޒު ކޮށްދޭ ތަން ކަމަށް ވިދާޅުވެ، ވާހަކަފުޅުދައްކަވަމުން އިންތި ވިދާޅުވީ މަޖިލީހަށް ސިފައިން ވައްދާ މަޖިލީހުގެ މެންބަރުން މަޖިލިސް އިދާރާ އިން ބޭރު ކުރި މަންޒަރާއި އަދި ސުޕްރީމް ކޯޓުން މަޖިލީހުގެ މެންބަރުންތަކެއް ވަކި ކުރި ކުރުމަކީ ވެސް މަޖިލީހުގައި ހޭދަކުރި މުއްދަތުގައި ފެނިފައިވާ މަންޒަރުތަކެއް ކަމަށް އިންތި ވިދާޅުވިއެވެ.

އެއް ނަޒަރަކުން ބަލާކަމަށް ވާނަމަ އަނެއްކާވެސް މަޖިލިސް ވެފައި މިވަނީ ތިންބާރުގެ ތެރެއިން ދެބާރު އެއްވާގޮތް ވެފައި. އެހެންނަމަވެސް މަޖިލީހަށް ވަންނަ މެންބަރުން އެގޮތަށް އަމަލު ނުކުރުމުގެ ފުރުސަތުވެސް އެބައޮތް. ސަރުކާރަށް ނިސްބަތްވާ ސުޕަ މެޖޯރިޓީީއެއް ލިބުނެއް ކަމަކު ރައްޔިތުންގެ މަޖިލީހަކީ މިނިވަންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި އަޅުގަނޑު މިވަގުތުވެސް ހަނދާން ކޮށްލަދޭން ބޭނުންވޭ
އިމްތިޔާޒް ފަހުމީ (އިންތި)

އިންތި ވިދާޅުވީ އޭނާ މަޖިލިސް މެންބަރުކަމުގައި ނެތް ނަމަވެސް މާފަންނު އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަކީ ރައްޔިތުންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރާނެ ގޮނޑިއެއް ކަމަށް ވާނެ ކަމީ އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ އަމާޒެއް ނެތް ނަމަ ކަންކަން ހާސިލް ނުވާނެ ކަމަށެވެ.

އޭގެ ސަބަބުން [ކޮރަޕްޓު ވެއްޖެ ނަމަ] އަމާނާތްތެރިންނަށް ފަހި, އަމާނާތްތެރިންނަށް ދަތި ތަނަކަށް ރާއްޖެ ވެގެންދޭ
އިމްތިޔާޒު ފަހުމީ (އިންތި)