ރާއްޖޭގައި ގާއިމްވެ ތިބީ އިންޑިއާގެ 76 ސިފައިން ކަމަށާއި އެ ހުރިހާ ސިފައިން ވެސް މިހާރު ރާއްޖޭން ފޮނުވާލެވިފައިވާ ކަމަށް ދިވެހި ސަރުކާރުން ހާމަ ކޮށްފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދެވެ. ވެރިކަމުގެ ހުވާ ކުރެއްވި ފުރަތަމަ ދުވަހު ވެސް އެ މަސައްކަތް އެމަނިކުފާނު ފެއްޓެވިއެވެ. އަދި ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރު މަޝްވަރާ ކުރުމަށްފަހު މެއި 10ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖޭން ފޮނުވާލުމަށް ނިންމިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ، ރާއްޖޭގައި ތިބީ އިންޑިއާގެ 76 ސިފައިން ކަމަށެވެ. އެ ހުރިހާ އެންމެން ވެސް މިހާރު ފޮނުވާލެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާގެ ސިފައިން ރާއްޖޭން ފޭބި ތާރިހުތަކާއި ފޭބި ސިފައިންގެ އަދަދުތައް:
7 މާޗު: 12 އިންޑިއާ ސިފައިން
9 މާޗު: 14 އިންޑިއާ ސިފައިން
7 އޭޕްރިލް: 13 އިންޑިއާ ސިފައިން
9 އޭޕްރިލް: 12 އިންޑިއާ ސިފައިން
7 މޭ: 12 އިންޑިއާ ސިފައިން
9 މޭ: 13 އިންޑިއާ ސިފައިން
އިންޑިއާގެ ފޮރިން މިނިސްޓްރީން މީގެ ދެ ދުވަސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗު އަނބުރާ ގައުމަށް އައިސްފައިވާ ކަމަށެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ އެގައުމުން ދިވެހި އަސްކަރިއްޔާ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވުމަށާއި އޭގެ މެއިންޓަނަންސްގެ ކަންކަމަށެވެ. ޖައިސްވާލް ވިދާޅުވީ ދެން އެތަކެތި އޮޕަރޭޓު ކުރާނީ އެގައުމުގެ މަދަނީ މީހުން ކަމަށާއި އެމީހުން މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.