ހަށިގަނޑުގައި ހުންނަން ޖެހޭ ވަކި މާއްދާއެއް އެ ހުންނަން ޖެހޭ މިންވަރަށްވުރެ ބައެއް ތުއްތު ކުދިންގެ ގައިގާ އިތުރުމުން ބައެއް ކުދިންގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ރީނދޫވެއެވެ. އެ މާއްދާ އަކީ "ބިލިރުބިން" ނަމަކަށް ކިޔާ މާއްދާއެކެވެ. އެ މާއްދާ އިތުރުވުމުން ބައެއް ކުދިންގެ ލޯ ނުވަތަ އަތްތިލަ ރީނދޫވެއެވެ. އަނެއް ބައި ކުދިންގެ ހަމުގެ ކުލަ ރީނދޫވެއެވެ.

މިކަން ހައްލު ކުރުމުގެ ގޮތުން އިރު އަރާ ވަގުތު އަންނަ އަތްވަށް ތުއްތު ދަރިފުޅު ގެންދިއުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. އެސްޓީއޯ އިން ނެރެފައިވާ "ތުއްތު ދަތިފުޅު" ފޮތުގައި މިކަމާއި ގުޅޭ ގޮތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ނިޔާފު ވަނީ ޖަވާބު ދެއްވަވާފައެވެ.

"ފޮޓޯ ތެރަޕީ އީޖާދުވީ އިރުގެ އަވި ޖެހޭ ތުއްތު ކުދިން ރީނދޫވާވަރު ކުޑަކަމަށް ފާހަގަވެ، ހެދުނު ދިރާސާތަކަށްފަހު. ފައިދާ ކުރާ ކަމެއްކަން [އަތްވަށް ނެރުން] އެހެންކަމުން އެނގޭ،" ޑރ. ނިޔާފު ވިދާޅުވިއެވެ.

ހަށިގަނޑު ރީނދޫވެފައިވާ ތުއްތު ކުއްޖަކަށް

އެހެންނަމަވެސް ޑރ. ނިޔާފު ވިދާޅުވާ ގޮތުގައި ބޮޑަށް ރީނދޫވެފައި ހުންނަ ކުދިން އެކަމުގެ ނުރައްކަލުން ކުޑަ ކުރުމަށްޓަކައި ފޮޓޯ ތެރަޕީ މެދުކަނޑާ ނުލާ އެތައް އިރެއް ވަންދެން ދޭންޖެހެއެވެ.

މަދު ވަގުތުކޮޅަކަށް [ބޮޑަށް ރީނދޫވެފައި ހުންނަ ކުއްޖަކު] އަވީގައި ޖައްސާލައިގެން ނުފުދޭނެ. އަދި ހެނދުނާ ހަވީރުގެ މަޑު އަވި ފިޔަވާ އެހެން ވަގުތުތަކުގެ އަވި ތުއްތު ކުއްޖަކަށް ރައްކާތެރިވެސް ނުވާނެ
ޑރ. ނިޔާފު

ތުއްތު ދަރިފުޅު ރީނދޫވާ މައިގަނޑު ސަބަބު:

މި ލިޔުމުގެ ފެށުމުގައި ބަޔާން ކޮށްފައިވާ ފަދައިން، ތުއްތު ކުއްޖާ ރީނދޫ ވަނީ ހަށިގަނޑުގައި ހުންނަން ޖެހޭ "ބިލިރުބިން" ނަމަކަށް ކިޔާ މާއްދާއެއް އެ ހުންނަން ޖެހޭ މިންވަރަށްވުރެ މަތިވުމުންނެވެ. ބޮޑަށް ރީނދޫވާން ދިމާވާ ހާލަތްތަކެއް ވެސް ހުރެއެވެ. އޭގެތެރޭގައި ދަރިފުޅާ މަންމަގެ ލޭގެ ގްރޫޕް ދިމާނުވުމާއި ގާތުން ކިރު ބޮވޭ ވަރު މަދުވުމާއި ކުޑަކަމު ނުވަތަ ބޮޑުކަމު މަދުން ދިއުން ހިމެނެއެވެ.

މީގެއިތުރުން ތުއްތު ދަރިފުޅުގެ ލޭގައި "ޖީ6ޕީޑީ" ނަމަކަށް ކިޔާ އެންޒައިމް މަދުވުމާއި ތައިރޮއިޑް ހޯމޮން މަދުވުމަކީ ވެސް ތުއްތު ކުއްޖާ ބޮޑަށް ރީނދޫވާން ދިމާވާ ސަބަބެކެވެ.

ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ. ކުއްޖާ ރީނދޫވުމުން ގޭގައި ހުންނަ ހޮޅިބުރި ނުވަތަ ބޮކީގެ އަލިން ރީނދޫކަން ކުޑަ ކުރެވިދާނެތޯއެވެ. ރީނދޫކަން ކުޑަ ކުރުމަށް ދޭން ޖެހޭ ފަރުވާ އަކީ ފޮޓޯ ތެރަޕީ ފަރުވާއެވެ. ޑރ. ނިޔާފް ވިދާޅުވާ ގޮތުގައި ގޭގައި ހުންނަ ބޮކި ނުވަތަ ހޮޅިބުރީގެ އައްޔަކީ އެކަމަށް އެކަށީގެންވާ ފަރުވާއެއް ނޫނެވެ.