ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ދަތުރުކުރެއްވި ކާރެއް އެކްސިޑެންޓުވުމުން، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްނުކޮށް މަގުމަތިން ހައްލު ކުރަން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސައިން އިމްރާން މަސައްކަތްކުރެއްވި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ، އެ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. އެއް ބަޔަކަށް އިންތިހާބީ މެންބަރު އިމްރާން ކުރެއްވީ ރަނގަޅު ކަމެކެވެ. ނަމަވެސް ގިނަ ބަޔަކަށް އެކަން ރަނގަޅެއް ނުވިއެވެ.

ސީދާ އިންތިހާބީ މެންބަރު އިމްރާނަށް ނިސްބަތްކޮށް ނޫން ނަމަވެސް ރައީސް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި ވާހަކަފުޅު އެ ހާދިސާއާ ވަރަށް ބޮޑަށް ގުޅެއެވެ. އަދި އެމަނިކުފާނު ވިދާޅުވި ވާހަކަފުޅަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތަކަށް ވެސް އިއްޔެ ރައީސް ވިދާޅުވި ވާހަކަފުޅަކީ "ސަތޭކައިގެ" ވާހަކަފުޅަކަށް ވަނީ ވެފައެވެ.

ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސައިން އިމްރާން (ކ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިއޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއް ނޫން ކަމަށެވެ.

"ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައު އިން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ. އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ،" ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސްގެ މި ޕޯސްޓަށް މިއަދުގެ ހެނދުނު 10:30އާ ހަމައަށް 868 ރީޕޯސްޓު ކޮށްފައިވެއެވެ. އަދި ހަމަ އެ ޕޯސްޓަށް 176 ކޮމެންޓު މީހުން ކޮށްފައިވެއެވެ.

އާއްމު ގޮތެއްގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުން އަންނަ މޫސާ އަންވަރު ވެސް ވަނީ ރައީސް މުއިއްޒު ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމަށް ބުނެ ރައީސްގެ ޕޯސްޓަށް ކޮމެންޓު ކޮށްފައެވެ. އަދި ރައީސް އެފަދައިން ވިދާޅުވެދެއްވީތީ އޭނާ ޝުކުރު އަދާ ކުރެއްވިއެވެ.

ޝުއައިބު އަލީ (ފުރަހަނި ޝުއިބު) ވެސް ވަނީ ރައީސްގެ އެ ވާހަކަފުޅާ ގުޅިގެން ރައީސަށް ތައުރީފު ކުރައްވާފައެވެ. ވިދާޅުވީ ގައުމުގެ ރައީސްގެ މަސްއޫލިއްޔަތާއި ވާޖިބު ރައީސް މުއިއްޒު އަދާ ކުރައްވައިފި ކަމަށެވެ. އަދި އެކަމާއި އުފާ ކުރައްވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަކީ މުޅި ގައުމުގެ މަސްލަހަތާއި އަހުލާގު ނަގަހައްޓާ، ތަފާތުކުރުމެއް ނެތި ގާނޫނު ނެގެހެއްޓުމުގެ އެންމެ އިސްފަރާތެވެ. ކޮންމެ ފަރުދެއްގެވެސް އަބުރު އޮންނާނެއެވެ،" ޝުއައިބު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހީމް މުއާޒު އަލީ (ޓީވީ މުއާ) ވިދާޅުވީ ރައީސްގެ ބަސްފުޅަކީ ގައުމުގެ ވަލިއްޔުލްއަމްރެއްގެ ފަރާތުން އިވިގެންދިޔަ ހެޔޮ، އެންމެންގެ ވިސްނުމާއި ފިކުރާ ގުޅޭ ހެޔޮ، ތެދު ބަސްފުޅެއް ކަމަށެވެ.

އިންތިހާބީ މެންބަރު އިމްރާން އެ ދުވަހު ކަންތައް ކުރެއްވި ގޮތުން ޝެއިހް އިމްރާން އެޕާޓީއެއްގެ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދާލަތު ޕާޓީން ބުނީ އިމްރާން ދަތުރުކުރެއްވި ކާރު އެކްސިޑެންޓްވުމުން އެކަން ފުލުހަށް ރިޕޯޓްކުރަން ޕީއެންސީގެ އިންތިހާބީ މެމްބަރު އިމްރާން ލަތީފް ހުރަސް އެޅި ކަމަށެވެ.