ދިވެހިރާއްޖޭގެ އާބާދީ އިތުރު ކުރުމަށް ދެމަފިރިންނަށް އެލަވެންސެއް ދިނުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައްލެ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ ނިސްބަތާ އެއްވަރަށް ދިވެހިރާއްޖޭގެ އާބާދީ އިތުރުވަމުން ނުދާ ކަމަށާއި އެކަމާމެދު ވިސްނަންޖެހޭ ކަމަށެވެ. ދިވެހި އާއިލާތަކުގެ ސައިޒު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާ ކަމަށާއި އެކަން އެހެން މެދުވެރިވަނީ ހަރަދު ބޮޑުވުމާއި މާލޭއަށް މީހުން ތޮއްޖެހުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ހާލަތު މިހާރު އޮތް ގޮތުން "ޔުނިވާސަލް ޗައިލްޑް ބެނިފިޓްސް އެލަވަންސް" ތައާރަފް ކުރަންޖެހިފައިވާ ކަމަށެވެ.

"އެކަނިވެރި މަޔަކަށް ނުވިޔަސް، އަދި ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ވިޔަސް، އެދެމަފިރިންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތަށް ބަލައި، އެ މީހުންނަށް އެބަޖެހޭ ދަރިފުޅު ބެލެހެއްޓުމަށްޓަކާ އެލަވަންސް ލިބޭނެ މަގެއް ތަނަވަސްކުރަން. އެ ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ރާއްޖޭގެ އާބާދީގައި ކުޑަކުދިންގެ ނިސްބަތް މަތިކުރެވޭކަށް،" ވަޒީފާއާބެހޭ ގާނޫނަށް ހުށަހަޅާފައިޥާ އިސްލާހުގެ ބަހުސްގައި ސައްލެ ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް: ދެމަފިރިންނަށް އެލަވަންސް ދިނުމަށް ގޮވާލެއްވި-- ފޮޓޯ/ މަޖިލިސް

އާބާދީގައި ކުޑަކުދިންގެ ނިސްބަތް ދަށަށް ދާކަން އަދަދުތަކުން ފާހަގަކުރައްވަމުން ސައްލެ ވިދާޅުވީ ވިދާޅުވީ އުމުރުން 14 އަހަރު ނުފުރޭ ކުދިން 2014 ވަނަ އަހަރު ހުރީ 28 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް 2022 ވަނަ އަހަރަށް އައިއިރުގައި އެ އަދަދު 26 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށް ސައްލެ ވިދާޅުވިއެވެ.

"ގެއެއްގައި ދިރިއުޅޭ އާއިލާގެ ސައިޒު މިދަނީ ކުޑަވަމުން. 2014 ވަނަ އަހަރު 5.2. 2022 ވަނަ އަހަރު 4.7. އޭގެ މާނައަކީ ދިވެހިރާއްޖޭގެ އާބާދީ އަޅުގަނޑުމެން އެދޭ ނުވަތަ އިގްތިސާދު ގޮތުން ކުރިއަށް މިދާ ނިސްބަތާ އެއްވަރަކަށް ގްރޯވަމުންނެއް ނުދޭ. މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް އިއްޒަތްތެރި ރައީސް،" ސައްލެ ވިދާޅުވިއެވެ.