އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށް އެޅޭ ހުރަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި މި ވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ދަތުރުކުރެއްވި ކާރެއް އެކްސިޑެންޓުވުމުން، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްނުކޮށް މަގުމަތިން ހައްލު ކުރަން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސައިން އިމްރާން މަސައްކަތްކުރެއްވި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިއޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއް ނޫން ކަމަށެވެ.

ކުށެއް ކޮށްފި މީހަކާ މެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވޭ
ރައީސް ޑރ. މުހައްމަދު މުއިއްޒު

"އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!،"

އަދާލަތު ޕާޓީން ބުނީ އިމްރާން ދަތުރުކުރެއްވި ކާރު އެކްސިޑެންޓްވުމުން އެކަން ފުލުހަށް ރިޕޯޓްކުރަން ޕީއެންސީގެ އިންތިހާބީ މެމްބަރު އިމްރާން ލަތީފް ހުރަސް އެޅި ކަމަށެވެ.

އިމްރާންގެ ކާރާއި ޕިކަޕެއް ޖެހި އެކްސިޑެންޓްވުމުން އިމްރާން ލަތީފް އެތަނަށް ވަޑައިގެން ޕިކަޕު ދުއްވި މީހާއަށް މައާާފްކޮށް އޭނާ ދޫކޮށްލަން ޝައިހް އިމްރާންގެ ކިބައިން އެދޭ ވީޑިއޯއެއް އާންމުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

‏އެކަމާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނުގައިވަނީ އެކްސިޑެންޓެއް ހިނގުމުން, ފުލުހުން އެ ސީނަށް ހާޒިރު ވަންދެން ޝައިޚް އިމްރާނާއި ޕިކަޕް ދުއްވި ޑްރައިވަރު މަޑުކުރައްވައިގެން ތިއްބަވަނިކޮށް އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ވަަޑައިގެން ޝައިޚް އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް އަދި ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކުރި ކަމަށެވެ. އަދި އެކްސިޑެންޓް ފުލުހަށް ރިޕޯޓް ކުރުމަށް އިންތިޚާބީ މެންބަރަކު ހުރަސް އެޅި ކަމަށް އެ ބަޔާނުގައިވެ އެވެ.

މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވުމާއި, ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަމެވެ.
އަދާލަތު ޕާޓީގެ ނޫސްބަޔާން

އެ ބަޔާނުގައިވަނީ އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންނާއި އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުވެފައިވާ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.އަދި ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝައިޚް އިމްރާން ފަޟީޙަތްކުރުމަށް ކުރި މަސައްކަތް އެ ޕާޓީއިން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.