މިއީ ޑރ. ނިޔާފު ދެއްވި ޖަވާބެކެވެ. ޑޮކްޓަރު ވިދާޅުވީ ތުއްތު ދަރިފުޅުގެ ބޮލުގެ ބައްޓަން ބަދަލުކުރުމަށް ބޯ ހޭނުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

ބޮލުގެ ބައްޓަން ހުރިހާ ކުދިންގެ އެއްގޮތް ނުވާނެ. ދަރިފުޅު ނިދަން ބާއްވާއިރު ބޯ އަބަދު އެއްފަރާތަކަށް ބޭއްވުން ދުރުކުރުމާއި އުމުރުން ދެ މަސް ވުމަށްފަހު، ހޭލާ އޮންނަ ވަގުތުކޮޅުގައި ބަނޑު ވަތަށް ބަންޑުން ބޭއްވުމަކީ ބޮލުގެ ބައްޓަން ދެފަޅި ހަމަކުރުމަށް ކުރެވިދާނެ ކަންކަން
ޑރ. ނިޔާފު، "ތުއްތު ދަރިފުޅު" ފޮތަށް ދެއްވި ޖަވާބު

އެސްޓީއޯ އިން ނެރެފައިވާ "ތުއްތު ދަތިފުޅު" ފޮތުގައި ޑރ. ނިޔާފާ ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ ދަރިފުޅު ބާއްވާ ހަދާއިރު ބޯ އަދި ކަރު ދަށަށް ބާލީސް ލެއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުން ނޭވާލާން ދަތިވެދާނެއެވެ.

މީގެ އިތުރުން ފައި ސީދާކުރަން ހޭނުމަކީ ރަނގަޅު ކަމެއް ނޫންކަމުގައި ވެސް ވިދާޅުވިއެވެ.

ދަރިފުޅުގެ ފައިގެ ބައްޓަން ބަދަލުކުރަން ހޭނުމަކީ ރަނގަޅު ކަމެއް ނޫން. އެއީ އާންމުކޮށް ފަރުވާއަކާ ނުލައި ރަނގަޅުވާ ކަމެއް
ޑރ. ނިޔާފު، "ތުއްތު ދަރިފުޅު" ފޮތަށް ދެއްވި ޖަވާބު

ބޯ އޫކޮށް ހުރުން

އާދައިގެ ވިހެއުމަކުން، ނޫނީ ވިހެއުމުގައި ގިނަވަގުތު ނެގުމަށްފަހު އުފަންވާ ކުދިންގެ ބޯ އޫކޮށް ދިގުވެފައި ހުރެދާނެއެވެ. މިއީ ރަހިމުގެ ދޮރުގެ ހަނިކަމާއި ވިހެއުމުގައި ދަތުރުކުރާ މަގުގެ ހަނިކަމުން ދަރިފުޅުގެ ބޮލުގެ ކަށިތައް ފައްތަރުވެގެން ބޯ އެމަގުން ނުކުރުމަށްޓަކައި އަންނަ ތޮބީއީ ރައްކައުތެރި ބަދަލެކެވެ. ފަރުވާއަކާ ނުލާ، މަސް ދެމަސް ތެރޭގައި ރަނގަޅުވެދާނެއެވެ.

ބޮލުގައި މަޑު ދުޅަ ތަންކޮޅެއް ހުރުން

ދަރިފުޅުގެ ބޮލުގެ ފުއްކިބަ އާއި ދިމާލުން މަތީގައި، މަޑުކޮށް ހުންނަ ދުޅައެއް ހުރުމަކީ ވަރަށް އާންމު ކަމެކެވެ. އެއީ ރަހިމުގެ ދޮރާދިމާލަށް ވިއްދި ތަންކޮޅަށް ވިހެއުމުގައި ހިފޭއިރު އަންނަ ދުޅައެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ދުޅަ ފިލައިގެން ދެއެވެ. ވެކިއުމް ޖައްސައިގެން ވިއްސާނަމަ މިކަން އާންމުކޮށް ފެނެއެވެ.

ފައި ލެނބިފައި ހުރުން

ގިނަ ތުއްތު ކުދިންގެ ފައިގެ ކަކުލުން ތިރީގެ ކަށި ބޭރަށް ބަޅުވާގޮތަށް ލެނބިފައި ހުރެއެވެ. މިއީ އެ ކަށީގައި ތޮބީއީ ގޮތުން ލެނބުމެއް ހުރުމާއި މަންމަ ބަނޑުތެރޭ ހޭދަކުރި ދުވަސްތަކުގައި ތާށިކޮށް އޮންނަ ޖެހުމުން ހުންނަ ކަމެކެވެ. ފައި ސީދާވާން ފަށާނީ ހިނގަން ފެށުމަށްފަހުއެވެ.

ބޮލުގެ ނާށިގަނޑުގެ ބޭރަށް ލޭއެރުން

ބައެއްފަހަރު ވިހެއުމުގެތެރޭ ފަރިފުޅުގެ ބޯ މަންމަގެ ޕެލްވިކް ކަށީގެ އެތެރޭގައި ކޭއްތި އަނިޔާވެއެވެ. ދަރިފުޅުގެ ބޮލުގެ އެ އަނިޔާވާ ތަނުގައި ނާށިގަނޑުގެ ބޭރަށްވާ ގޮތަށް ހަމުގެތެރެއަށް ލޭކޮޅެއް ޖަމާވެ ދުޅައެއް އުފެދެއެވެ. އުފަންވާއިރު ކުޑަ ދުޅައެއް ފެނުނު ނަމަވެސް ދެ ވަނަ ދުވަހުން ފެށިގެން ލޭކޮޅު އިތުރުވެ ބޮޑުވާ ޗަކަ ދުޅައެއް ފެނެއެވެ. ބިރުވެރިކޮށް ފެނުނު ނަމަވެސް ފަރުވާއެއް ބޭނުމެއްނުވާނެއެވެ. ލޭކޮޅު އަމިއްލައަށް ނެތިގެންދާނެއެވެ. އަދި އެއްކޮށް ފިލަން އަށެއް ނުވަތަ 12 ހަފްތާ ނަގާފާނެއެވެ. ލޭކޮޅު ނެތިގެން ދަނީ ގަނޑު ލޭކޮޅަކަށް ވެ، ހަރުވެ ނެތިދާ ދިގު މަރުހަލާއަކަށްފަހުއެވެ. ލޭކޮޅު ނެތިދިއުމުގައި "ބިލިރުބިން" (ރީނދޫ މާއްދާ) އުފެދޭނެތީ މިކަމުން ރީނދޫވާ މިންވަރު ކުޑަކޮށް އިތުރުވެއެވެ.

ބޮލުގެ ނިތްކުރިޔާ ދިމާލުން މަތީގައި މަޑުތަންކޮޅެއް ހުރުން

މިއީ ދަރިފުޅުގެ ބޮލުގެ ނާށިގަނޑުގައި ކަށިން ނުބެދި ހުންނަ ތަންކޮޅެކެވެ. ތޮބީއީ ކަމެކެވެ. ފަރުވާއަކާ ނުލައި އުމުރުން 18 މަސް ވެފަ ބެދެއެވެ.

ނޯޓް: މި ލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ "ތުއްތު ދަރިފުޅު" ފޮތުން ނަގާފައިވާ މައުލޫމާތުތަކެވެ. އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯއިން ދެމުންދާ "ހަދިޔާ ޕެކް"އާ އެކު މި ފޮތް ލިބޭނެއެވެ. މި ފޮތަށް މައުލޫމާތު ދެއްވާފައި ވަނީ އޭޑީކޭގެ ޑިޕާޓްމަންޓް އޮފް ޕީޑިއޭޓްރިކްސް އެންޑް ނިޔޯނެޓޮލޮޖީގެ ހެޑް، އަދި ޗީފް މެޑިކަލް އޮފިސަލް ޑރ. ނިޔާފެވެ.