މިއަދަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހަބަރާއި މައުލޫމާތަށް ހާއްސަކޮށް ހަދާފައިވާ ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަހެވެ. މިދުވަހު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ކުރިން ހަބަރާއި ޕްރޮގްރާމްތައް ހުށަހަޅައިދިން މަޝްހޫރު ޕްރެޒެންޓަރުން ޕީއެސްއެމް ނިއުސްގެ ހަބަރުކީ މަންޒަރެވެ.

އެގޮތުން މިއަދު މެންދުރު 14:00ގެ ހަބަރު ކިޔާފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ އަދި ކުރީގެ މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާއެވެ. އޭނާ ވަނީ އިރުއޮއްސި 19:00ގެ އިނގިރޭސި ހަބަރުވެސް ކިޔައިފައެވެ.

މަރީ މިރޭ "ހަތާވީސް" އަށް ކިޔައިދެއްވި ގޮތުގައި ގިނަ ބައެއްގެ ފަރާތުން ހިތްހަމަ ޖެހުމުގެ ބަސްތަކެއް އޭނާ އަށް ލިބުނެވެ.

"އެކި ރަށްރަށުން ވެސް ގުޅާފައި އަނެއްކާވެސް ހަބަރު ކިޔަންވީ ނޫންހޭ ބުނި. ވަރަށް އުފާވޭ. ހަމަ އޭރުގެ އެ އިހުސާސްތައް ކުރެވުނީ،" 14 އަހަރަށް ފަހު އަލުން ހަބަރެއް ކިޔާލަން ލިބުމުން ކުރެވުނު އިހުސާސްތައް ކިޔައި ދެއްވަމުން މަރީ ވިދާޅުވިއެވެ.

މިރޭ ރޭގަނޑު 20:00ގެ ހަބަރު ކިޔާފައި ވަނީ އަހްމަދު ޝަކީބް ނުވަތަ އެންމެން ދަންނަ ނަމުން ނަމަ ޝަކީއްބެއެވެ.

އޭނާ ވިދާޅުވީ ހަބަރެއް އަލުން ކިޔަން މިރޭ ލިބުނީ 15 ވަރަކަށް އަހަރު ފަހުން ކަމަށެވެ. އެހެންކަމުން ވަރަށް ބޮޑަށް އުފާވި ކަމަށާއި ނަމަވެސް ހަބަރު ކިޔުމަށް މާބޮޑު ދައްޗެއް ކުރިމަތި ނުވާ ކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ހެޑް އޮފް ނިއުސް އަމީން ވިދާޅުވީ ކުރީގެ ޕްރެޒެންޓަރުން ގެނެސްގެން ހަބަރު ކިޔުއްވީ އަހަރީ ދުވަހާ ގުޅިގެން ތަފާތު ކަމެއް ކޮށްލުމުގެ ގޮތުން ކަމަށާއި އެކަން އެގޮތަށް ކުރުމުން ކުރީގެ ޕްރެޒެންޓަރުން ވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ. އަދި އެބޭފުޅުންނަކީ އަދިވެސް ޓީވީއާ ގުޅުން އޮންނަ ބަޔަކަށްވުމަކީ އެފަދަ ކަމެއް ކުރުމުގެ ބޭނުމެއް ކަމަށް ވިދާޅުވިއެވެ.

މި ބޭބޭފުޅުންގެ އިތުރުން ކުރީގެ ޕްރެޒެންޓަރު އަދި ބީސީސީގެ މިހާރުގެ އެމްޑީ އިބްރާހީމް ޒިޔާއު އާއި މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު އާއި އަލީ ސުލައިމާން ފަދަ ކުރީގެ ޕްރެޒެންޓަރުން ބައިވެރި ކޮށްގެން ހާއްސަ ޕްރޮގްރާމެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.