ފުނަދޫ ދާއިރާގެ މެމްބަރުކަމަށް އަލަށް އިންތިހާބުވި ޒުވާން މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ)އަށް ސިހުރު ހެދި ކަމަށް ބުނެ، ފުނަދޫގައި އަޑުތަކެއް ފެތުރިފައިވަނިކޮށް، ސިހުރު ހެދިކަމަށް ބުނާ ތަކެއްޗާ އެކު އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.

ސިހުރު ހެދި ކަމަށް ބުނެ ފުނަދޫއިން މީހަކު ހައްޔަރުކުރީ ރޭ ފަތިހުއެވެ. ފުުލުހުން ބުނީ ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް އަދި އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުނަދޫ ކޯޓަށް މިއަދު ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. އަދި އޭނާ ވަނީ ކުޅުދުއްފުށި ސިޓީއަށް ގެންގޮސްފައެވެ.

"ހަތާވީސް"އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ތ. ވިލުފުށްޓަށް އުފަން މީހެކެވެ. ނަމަވެސް އޭނާގެ ރަށްވެހިކަން މިހާރު އޮތީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

މިވަގުތު މާލޭގައި ހުރި ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު "ހަތާވީސް"އަށް ވިދާޅުވީ ސިހުރު ހެދީ އަލަށް އިންތިހާބުވި މަޖިލިސް މެމްބަރު މަރާލަން ކަމަށް ރަށު ތެރޭގައި އަޑުފެތުރިފައިވާ ކަމަށެވެ.

"ސިހުރެއް ހަދަން ބަޔަކު ގެނެސްގެން އެންކޮށްފައިވާނަމަ، ފިޔަވަޅު އެޅުމަށް އަޅުގަނޑު ގޮވާލަން. އެއީ އަޅުގަނޑު އެދޭ ގޮތް،" މަޖިލިސް އިންތިހާބުގައި ފުނަދޫ ދާއިރާއަށް ވާދަކޮށް، ދެ ވަނައަށް ދިޔަ އަހުމަދު އިބްރާހިމްފުޅު ވިދާޅުވިއެވެ.

ފުނަދޫ ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލި ހަތަރު މީހުންނާ ވާދަކޮށް، 64 ޕަސެންޓް ވޯޓުން އިންހާބު ކާމިޔާބުކުރި އުމުރުން 28 އަހަރުގެ މަންޑޭއަށް ސިހުރު ހެދި ކަމަށް އަޑުފެތުރުމުން، ފުނަދޫގެ ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން ސިހުރު ހެދި ކަމަށް ބުނާ މީހާ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރި ވަގުތު އެތަނަށް އެއްވެ، ގިނަ ބަޔަކު އޭނާއާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ.

ސިހުރު ހެދި މައްސަލާގައި ފުނަދޫ ރައްޔިތުން އެއްވެފައި: ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވޭ

ފުނަދޫގައި ވާދަ ދެކެވޭ ގޮތުން، ސިހުރު ހަދާފައި ވަނީ އެ ރަށުގެ ގަސްތަކަކަށެވެ.

އެކަމާ ގުޅޭ ގޮތުން "ހަތާވީސް"އާ ވާހަކަ ދައްކަވަމުން މަންޑޭ ބުނީ އޭނާގެ ކާމިޔާބީގެ އުފާފާޅުކުރި ދުވަހުގެ ރޭ ރަށުގެ ބޮޑުމަގުގައި ހުރި ނިކަ ގަހަކަށް އަލިކޮށްގެން މަރުތޭލަކުން އެއްޗެއް ޖަހާތަން ފެނިގެން މީހަކު އޭނާއަށް ގުޅައި އެ ވާހަކަ ކިޔައިދިން ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން ނިކަ ގަހަކަށާއި މަދު ގަހަކަށް ލޯ މޮހޮރު ކަހަލަ އެއްޗެއް ޖަހައި، ސިހުރު ހަދާފައިހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ކުރި ކަމަށް ބެލެވެނީ އޭނާގެ ވާދަވެރިކަން ފާހަގަކޮށް، މަންޑޭ ވިދާޅުވީ އިންތިހާބު ނިމިއްޖެ ކަމަށާއި ވާދަވެރިކަން ދެން ދޫކޮށްލަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ އިންތިހާބުގެ ނަތީޖާ

"ރައްޔިތުންނަށް ބުނެލަން ބޭނުންވަނީ ސިޔާސީ ގޮތުން އަންނަ ފުރޮޅުންތަކަށް ޖާގަދޭން. ދާއިރާގެ ތަރައްގީއަށް ޖާގަ ދޭންޖެހޭ. އިންތިހާބު ވެސް ނިމިއްޖެ. ވާދަވެރިކަން ވެސް ނިމެއްވެއްޖެ ކަންނޭނގޭ،" މަންޑޭ ވިދާޅުވިއެވެ.

މަންޑޭ ބުނީ ސިހުރު ހެދީ އޭނާއަށްކަން އެނގުނީ ސިހުރު ހެދި ކަމަށް ބުނާ މީހާގެ ގެއިން ފެނުނުތަކެތިން ކަމަށެވެ. އެގޮތުން އެގެއިން ފެނުނުތަކެތިން އޭނާގެ މަންމަގެ ނަމާއި ބައްޕަގެ ނަން ލިޔެފައިވާ އެއްޗެހިތަކެއް ފެނުނު ކަމަށެވެ.