މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި 4.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯ އިން މިއަދު ބުނީ އެއީ މީގެ ކުރީ ކުއާޓާރާއި އަޅާ ބަލައިއިރު 12 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި އެ ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅުވުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯ އަށް 617 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މީގެ ކުރީ ކުއާޓާރާއި އަޅާ ބަލާއިރު 18 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ވިޔަފާރި ކުރުމުގެ ހަރަދު އިތުރުވި ނަމަވެސް އެ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު އެ ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 308 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލާ 19 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާބަލައި 46 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. މީގެ މައިގަނޑު ސަބަބަކީ، އެ ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމާއިއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފުފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.