ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅު އަޅައި، ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރަމުންދާ މުވައްޒަފުން އިދިކޮޅު އެމްޑީޕީއަށް ޝަކުވާ ހުށަހަޅައި، އެކަން ބަލަމުން ގެންދާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ, އަދި މަސައްކަތްތެރިންނަށް ލިބެންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ ހަމައެކަނި ސިޔާސީ ޕާޓީ، އެ ޕާޓީ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވީ ހަ ވަރަކަށް މަހުގެ ތެރޭގައި ފެނިގެން ދަނީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް އެމީހުންގެ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅުތައް އަޅާ ވަޒީފާތަކުން މުވައްޒަފުން ވަކިކުރަމުންދާ މަންޒަރު ކަމަށާއި އެކަންކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.
"...އެފަދަ ކަމަކާ ގުޅިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އަޅާފައިވާނަމަ އެ ފަރާތުން މި ޕާޓީއަށް ޝަކުވާ ހުށަހެޅުމުގެ ހާއްސަ އީމެއިލްއެއް ހަދާ އެމަސައްކަތް މި ޕާޓީއިން ކުރިއަށް ގެންދާ ވާހަކަ މި ފުރުސަތުގައި ތަކުރާރުކޮށްލަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ނަމަވެސް އެ އީމެއިންގެ އެޑްރެހެއް އަދި އެކަން ކުރަންވީ ގޮތުގެ އިރުޝާދެއް އެ ބަޔާނުގައި ހިމަނާފައެއް ނުވެއެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެމްޑީޕީން އެކަށައަޅާ ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއި ގާނޫނުން މަސައްކަތްތެރިންނަށް ލިބިފައިވާ އެންމެހައި ފުރުސަތުތަކަށް ޖާގަދިނުމަށް އެމްޑީޕީން ގޮވާލާފައިެވެއެވެ.
މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން ކޮށްފައިވާ ބައެއް ކަންކަން މިއަދު ނެރުނު ބަޔާނުގައި ހިމަނާފައިވެއެވެ. އެގޮތުން މަސައްކަތްތެރިންގެ ހައްގުގައި ކޮންމެ އަހަރެއްގެ މެއި އެއް ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ އެމްޑީޕީން ކަމަށާއި މިނިމަމް ވޭޖް ކަނޑައެޅުމާއި ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ބެހުމާއި ވަޒީފާއަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމުން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ދިނުންފަދަ ސިޔާސަތުތައް ކަނޑައެޅީ އެމްޑީޕީން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"މަސައްކަތްތެރިންގެ ހައްގުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ގެނައި އެންމެ ބޮޑު އިންގިލާބީ ބަދަލަކީ ރާއްޖޭގައި އަލަށް އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނާއި މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވި އަމަލުކުރަން ފެށުމެވެ. މި ދެ ގާނޫނަކީވެސް މަސައްކަތްތެރިންގެ ހައްގުތައް އިތުރަށް ކަށަވަރުކުރެވިގެންދާނެ ދެ ގާނޫނެކެވެ،" އެމްޑީޕީ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.