ދިވެހި ރައްޔިތުންގެ ޕާޓީގެ އެއް މިލިއަން ރުފިޔާގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމްޓީސީސީން އުޅޭތީ އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޑީއާރުޕީން އެމްޓީސީސީއަށް ދޭންޖެހޭ 1.1 މިލިއަން ރުފިޔާ ނުދައްކާ އޮއްވާ އެ ޕާޓީ އުވާލުމުން ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވަން އެމްޓީސީސީން ހައި ކޯޓުގައި އެދުނެވެ.
އެ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅަން މައުމޫންގެ ފަރާތުން އެދިވަޑައިގަތް ނަމަވެސް ހައި ކޯޓުން މިދިޔަ މަހު ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެހެންކަމުން ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މައުމޫންގެ ފަރާތްޕުޅުން މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޑީއާރުޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި މައުމޫން އެ ޕާޓީން ވަކިވެ ވަޑައިގެން, އެމަނިކުފާނު އިސްވެ ހުންނަވައިގެން 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވި އެވެ. އަދި 2016 ވަނަ އަހަރު ޕީޕީއެމްއިން އެމަނިކުފާނު ވަކި ކުރުމުން އެމްއާރުއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ.
މިދިޔަ އަހަރު ޑީއާރުޕީ އުވާލީ މެމްބަރުންގެ އަދަދު ހަމަ ނުވާތީ އެވެ.