މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ފޯނު ވެއްދުން މަނާކުރި މައްސަލާގައި މީޑިއާތަކާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި ވަކިވަކި ނޫސްވެރިން ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށް، ނޫސްވެރިންގެ ބައްދަލުވުންތަކަށް އަންނަ ނޫސްވެރިންނަށް ފޯނު ވެއްދޭ ގޮތް ހަދައިފިއެވެ.

މިއަދު ހެނދުނު 11:00ގައި ރައީސް އޮފީހުގައި އޮތީ އަލަށް އައްޔަން ކުރެއްވި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ ޕްރެސް ކޮންފަރެންސެކެވެ. އެ ބައްދަލުވުމަށް ދިޔަ ނޫސްވެެރިންނަށް އެންމެ ފުރަތަމަ އެންގީ ފޯނު ނުވެއްދޭނެ ކަމަށެވެ. އެކަމަކު ނޫސްވެރިން އެކަމާއި ދެކޮޅު ހެދިއެވެ. އަދި ފަހުން ފޯނު ވެއްދުމުގެ ހުއްދަ ދިނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެސް ބައެއް ނޫސްވެރިން ވަނީ އެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ބައެއް މީޑިއާތަކަށް ވިދާޅުވީ ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން އެ އަށް އަމަލުކުރަން ފެށިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ފާޅުކުރި ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ހީނާ ވަނީ ރައީސް އޮފީހުގައި އޮންނަ ޕްރޮޓޮކޯލް އަކީ އެމްއެންޑީއެފް އިން ކުރިޔަށް ގެންދާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކުރިޔަށް ގެންދެވޭތީ ބައްލަވާނެ ކަމަށެވެ.

ޕްރެސް ކޮންފަރެންސް އަށް ފަހު ރައީސް އޮފީހުން އެ މައްސަލާގައި ބަޔާނެއް ނެރުނެވެ.

އެ ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި އަމަލުކުރަމުންދާ އާއްމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރެއްވުން ކަމަށެވެ.

ނަމަވެސް މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.

ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުޞަތުގައި އަރުވަމެވެ.