"އަޅުގަނޑު ހާއްސަކޮށްލާނީ އެންމެ ފަރާތެއް. އެއީ ވަކި ވަކިން ނަން ކިޔަން ވެއްޖެކަމަށްވާނަމަ، މިއީ ވަރަށް ދިގު ލިސްޓެއް. މިއީކީ އެކެއް، ދެ މީހެއްގެ މަސައްކަތެއް ނޫން،" މާފަންނު ހުޅަނގު ދާއިރާއަށް އިންތިހާބުވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާ އިބްރާހިމް "ރަސްފަންނު"ގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވިއެވެ.

އެމްޑީޕީން 10 އަހަރުވަންދެން ފުރަމުންދިޔަ ގޮނޑި، ޕީއެންސީން ކާމިޔާބުކުރުމަށްފަހު، ވާހަކަ ދައްކަވަމުން މުސްތަފާ ވަނީ ހެއްދެވި ފަރާތަށް ހަމްދުކޮށް، ޝުކުރުކޮށްފައެވެ. އެއަށްފަހު އޭނާ ވިދާޅުވީ ދެން ޝުކުރު ހާއްސަ ކޮށްލާނީ އެންމެ ފަރާތަކަށް ކަމަށާއި އެއީ އޭނާގެ މަންމައަށް ކަމަށެވެ.

"އެއީ އަޅުގަނޑުގެ ލޮބުވެތި މަންމަ. އަޅުގަނޑުގެ ލޮބުވެތި މަންމަ އަޅުގަނޑަށް ދެއްވި ހިތްވަރާއި މަންމަ ކުރެއްވި ހޭދައާއި މަންމައަށްޓަކާ އަޅުގަނޑުގެ އާއިލާ ނުކުމެ ކުރި މަސައްކަތާއި އަދި މި [މާފަންނު] ހުޅަނގު ދާއިރާއަށްޓަކާ ލޯބިވާ ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް އަޅުގަނޑުގެ ލޯބިވާ މަންމައަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވާ މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ އޭނާގެ ދާއިރާގެ ރައްޔިތުންނާ އެކު "ރަސްފަންނުގައި" ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ/ ވަގުތު

އަތޮޅުވެރިކަމާއި ސިވިލްސާވިސްގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި މުސްތަފާ ވިދާޅުވީ މަޖިލިސް މެމްބަރެއްގެ ގޮތުގައި އޭނާ ފެނިގެންދާނީ ރައްޔިތުން ބޭނުންވާފަދަ "އަހުލާގު ރަނގަޅު، ސުލޫކު ހިފެހެއްޓޭ އިލްމީ ގާބިލު، ވިސްނާމީހަކަށް" ކަމަށެވެ.

ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި މުސްތަފާ ވިދާޅުވީ އިންތިހާބުގައި ދާއިރާގެ ކޮންމެ ރައްޔިތަކު ވެސް ސުވާލުކުރި ގޮތަށް ރައްޔިތުންނާ އޭނާ ބައްދަލުވާނެ ކަމަށާއި އެކަން ރައްޔިތުންނަށް ފަހިކޮށްދިނުމަށް ވެބްސައިޓެއް ލޯންޗުކޮށްފައިވާނެ ކަމަށެވެ. ރައްޔިތުންގެ ހިޔާލާއި ސުވާލު ކުރުމަށް ހާއްސަކޮށްފައިވާ ވެބްސައިޓަކީ https://ask.mustho24.com/ އެވެ.

މުސްތަފާއަށް ކޮންމެ ވަގުތަކު ގުލާލުމަށް ހޮޓްލައިނެއް ވެސް ވަނީ ގާއިމުކޮށްފައެވެ. ހޮޓްލައިންގެ ނަންބަރަކީ 9800888 އެވެ.

މަޖިލިސް މެންބަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މާފަންމު ހުޅަނގު ދާއިރާގެ މެމްބަރުގެ އޮފީސް ހުވާ ހުޅުއްވާނެ ކަމަށާއި އެ އޮފީހުގައި މަސައްކަތް ކުރަންބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މުސްތަފާ ރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ރައްޔިތުން ބުނެދިނީ ސަރުކާރުގެ ދުވެލި 77 ޕަސެންޓަށް މައްޗަށް ޖެއްސުމަށް ކަމަށް މުސްތަފާ ސިފަކުރެއްވިއެވެ.

"ޑރ. މުއިއްޒަށް ރައްޔިތުން ދިން ޖަވާބަކީ ޑރ. މުއިއްޒުގެ ތަރައްގީ ގެނެސްދިނުމުގައި 77 އިންސައްތަ ދުވެލި އަވަސްކޮށްދޭށޭ. އެ އަވަސް ކޮށްދިނުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގައި އެ ގޮނޑިތައް ސަރުކާރަށް ލިބިގެން އެދިޔައީ،" މުސްތަފާ ވިދާޅުވިއެވެ.

"ސަރުކާރު ޒިންމާދާރުކުރަވަން ކަމަށްވެއްޖެއްޔާ އެކަން ވެސް ކޮށްދޭނަން. ރައްޔިތުންނަށްޓަކާ ޖަވާބުދާރީވާންޖެހޭ ކޮންމެ ތަނެއްގައި ޖަވާބުދާރީވާނަން،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ މާޔޫސްވާންޖެހޭނެ ސަރުކާރަކަށް ނުވާނެ ކަމަށެވެ.

ހަތަރު ކެންޑިޑޭޓުން ވާދަކުރި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި މުސްތަފާ ކާމިޔާބު ކުރެއްވީ ބޮޑު އަގުލަބިއްޔަތަކުންނެވެ. މާފަންނު ހުޅަނގު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ފަލާހުގެ މައްޗަށް 353 ވޯޓުގެ ތަފާތުން ކުރި ހޯއްދަވައި، ޖުމްލަ 927 ވޯޓު މުސްތަފާ ހޯއްދެވިއެވެ. ފަލާހަށް ލިބިވަޑައިގެންނެވީ 574 ވޯޓެވެ.