ސިޔާސީ މަޤާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ، 922 ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުނެފިއެވެ.
ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށެވެ. ވައުދުވެވަޑައިގެންނެވި އަދަދަށް ވުރެ، ސިޔާސީ މުވައްޒަފުންގެ އަދަދު މި ވަނީ އިތުރުވެފައެވެ.
ސަރުކާރުން މިރޭ ހާމަކުރި 922 ސިޔާސީ މުވައްޒަފުން ތަފްސީލު:
- ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
- ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
- ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
- ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
- ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
- ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
- އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
- އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން
"ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެއެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ސަރުކާރުން ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކޮށްފައި މި ވަނީ ސަރުކާރަށް 1 އަހަރާއި 8 މަސް ފަހުންނެވެ.
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރި މައްސަލަ ހައި ކޯޓަށް ވެސް ހުށަހެޅިއެވެ.