ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީއެންސީން ވަކިވުމަށް ފަހު، އެ އިންތިހާބު ކާމިޔާބު ކުރައްވާ އަލުން މިއަދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި އިންތިހާބީ މެންބަރުންގެ ގާނޫނުއަސާސީގައި ބުނާ ޝަރުތު އުނި ނުވާ ކަމަށާއި އަދި އެންޓި ޑިފެކްޝަންގެ ގާނޫނާ ވެސް ހިލާފު ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެމްބަރު އިސްމާއިލް ހަބީބު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު [21 އޭޕްރީލް 2024] ބޭއްވުނު ރައްޔިތުން މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކާމިޔާބު ހޯއްދެވި ފަސް އިންތިހާބީ މެންބަރަކު ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއާ ގުޅިވަޑައިފެންފައެވެ.

މި ފަސް ބޭފުޅުންނަކީ ވެސް އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް ކުރިން ޕީއެންސީގައި ތިއްބެވި ފަސް މެންބަރުންނެވެ. އެއްބައި ބޭފުޅުންނަކީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބަށް ނިކުންނެވި ބޭފުޅުންނެވެ.

ޕީއެންސީ އަށް ސޮއިކުރެއްވި އިންތިހާބީ މެންބަރުން:

- މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު

- މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު

- ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް

- ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން

- ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް

- ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒް

މި ފަސް ބޭފުޅުންގެ ތެރެއިން އަހްމަދު ރިޔާޒަކީ މުޅިން އަލަށް ޕީއެންސީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.

މިނިވަން މެމްބަރުންގެ ގޮތުގައި ހޮވިވަޑައިގަތުމަށް ފަހު، ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅޭ ގޮތުން ހަބީބް އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުތުތަކުން ކުރެ ޝަރުތެއް އެ ހަ އިންތިހާބީ މެންބަރުންގެ ވެސް އުނި ނުވާ ކަމަށެވެ.

"އަދި އެންޓި-ޑިފެކްޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކުވެސް 2024 މެއި 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންފުޅު ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް،" އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނާއިބު ރައީސް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެހެންނޫނަސް، ގާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ހިލާފަށް، އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ގާނޫނަކުން އުންޏެއް ނުކުރެވޭނެ ކަމަށެވެ.