އާރާ ބާރަކީ އަބަދުމެ އޮންނާނެ އެއްޗެއް ނޫންކަން ދުނިޔެ ދައްކަމުން ގެންދާ ކަމަށާއި ސަރުކާރަށް 20ވަނަ ރައްޔިތުންގެ މަޖިލީހުން ލިބިފައިވާ ސުޕަ މެޖޯރިޓީގެ ބޭނުން ހިފައިގެން މީހުންނަށް ބިރު ދައްކާ މައިނޯރިޓީ އަށް އިހުތިރާމް ނުކޮށް ނުހުންނާނެ ކަމަށް 19ވަނަ ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވަނީ ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި އެޕާޓީ އަށް މަޖިލިސް ތެރެއިން ލިބިގެން ދިޔަ ސުޕަ މެޖޯރިޓީއާއެކު އިދިކޮޅު ފަރާތްތަކުގެ އަޑު މަޖިލިސް ތެރެއިން ކަނޑުވާލާ އެ ފަރާތްތަކުގެ ހައްގު ގެއްލުވާލި ކަމަށް ވިދާޅުވެފައެވެ.
ބާރެއް ލިބިފައި އޮންނަ ދުވަހަކު އެފަދަ ކަންކަން ކޮށްގެން ލިބޭނެ މޮޅެއް ނޯންނާނެކަން ދުނިޔެ ސާބިތު ކޮށްދެމުން އަންނަ ކަމަށާއި އެހެންކަމުން 20ވަނަ މަޖިލީހުގައި ސަރުކާރަށް ލިބިފައިވާ މެޖޯރިޓީ ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކާއި މައިނޯރިޓީގެ އަޑު ކަނޑުވާލަން މަސައްކަތް ނުކުރާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީއާ އެކީގައި އެއްވެސް ބަޔަކަށް ބިރުދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ އަދި މިތާ އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް އަަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން،" 20ވަނަ މަޖިލީހުގެ އިންތިހާބުގައިވެސް އޭދަފުށީ ދާއިރާގެ ގޮނޑި ކަށަވަރު ކުރައްވާފައިވާ ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ވެސް ހުރީ މައިނޯރިޓީ އަށް އިހްތިރާމް ކޮށްގެން ކަންކަން ކުރިޔަށް ގެންދިއުން ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރިޔަށް ދިޔަ ވިހިވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން އެކަނި މަޖިލީހުގެ 66 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އެ އިންތިހާބުގައި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ހޯދި ހަތަރު ގޮނޑިއާއެކު ޖުމްލަ 70 ގޮނޑި ސަރުކާރަށް ވަނީ ލިބިފައެވެ.
ވިހިވަނަ މަޖިލީހުގައި 93 މެންބަރުން ތިބޭއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް މިފަހަރު ލިބުނީ އެންމެ 12 ގޮނޑިއެވެ.
		
										
										
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ