މިހާރު މި ހިނގާ 19ވަނަ ރައްޔިތުން މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ އަންނަ މަހުގެ 13ވަނަ ދުވަހު ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާން ކޮށްފިއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ހިނގާ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15ވަނަ ދުވަހަށް ނިމޭނެ ކަމަށެވެ. އެހެންކަމުން 19ވަނަ މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ އަންނަ މަހުގެ 13ވަނަ ދުވަހު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިހާރު އިންތިހާބުވެވަޑައިގެންފައިވާ 20ވަނަ މަޖިލީހުގެ އިންތިހާބީ މެންބަރުން ހުވާ ކުރުން ވެސް އަންނަ މަސް ތެރޭގައި އޮންނާނެ ކަމަށެވެ. އެގޮތުން އައު މަޖިލިސް ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 28ވަނަ ދުވަހު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމުގެ ތައްޔާރީތައް [އައު މަޖިލިސް ހުވާ ކުރުން] މަޖިލީހުގެ އިދާރާ އިން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރިޔަށް ދިޔަ ވިހިވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން އެކަނި މަޖިލީހުގެ 66 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އެ އިންތިހާބުގައި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ހޯދި ހަތަރު ގޮނޑިއާއެކު ޖުމްލަ 70 ގޮނޑި ސަރުކާރަށް ވަނީ ލިބިފައެވެ.

ވިހިވަނަ މަޖިލީހުގައި 93 މެންބަރުން ތިބޭއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް މިފަހަރު ލިބުނީ އެންމެ 12 ގޮނޑިއެވެ.