ރިޝްވަތު ގަބޫލު ކުރި ކަމުގެ ކުށުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް އެ ކޯޓުން އަމުރުކޮށްފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ހިފައި، މަނީ ލޯންޑާ ކުރިކަމުގެ ކުށުގައި ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވިއެވެ. ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، ހަތަރު އަހަރުގެ ހުކުމެއްކޮށްފައިވާއިރު، މަނީ ލޯންޑާ ކުރިކަމުގެ ކުށުގައި ހަތް އަހަރުގެ ޖަލު ހުކުމް ކުރިއެވެ.
މިއަދު މެންދުރުފަހުން ފެށިގެން، ހައި ކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފު މަޖިލީހުގައި އިއްވާފައި ވަނީ ރިޝްވަތުގެ ކުށާ ގުޅޭ ހުކުމެވެ. ދެން އޮތީ މަނީ ލޯންޑާކުރުމުގެ ކުށާ ގުޅޭ ގޮތުން އިސްތިއުނާފުން ގޮތެއް ނިންމުމެއް އެ މައްސަލަ ފެށޭނީ އިރުއޮއްސި 6:45ގައެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރިހުކުމުގައި ވަނީ ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ. އަދި އެ ފުރުސަތު ދިނުމުގެ ކުރިން އެކަންކަމާ މެދު ވާހަކަ ދައްކަން ޔާމީންގެ ވަކީލުންނަށް ފުރުސަތު ދީފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެކަންކަމުގެ ސަބަބުން ޔާމީންގެ ހައްގުތަކެއް ގެއްލުނު ކަމަށް ހުކުމުގައިވެ އެވެ.
ޔާމީން ތަހުގީގު މަރުހަލާގައި ހަނު ހުރެފައިވާތީ އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްގެ ގޮތުގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައިވަނީ އެކަމުގައި ގޯހެއް ނެތް ކަމަށެވެ.
ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ޖަލު ހުކުމާ ގުޅޭގޮތުން ވެސް ހައި ކޯޓުން މިރޭ ގޮތެއް ނިންމާނެ އެވެ.
ޔާމީނަށް ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ ހުކުމް ވެސް މިއަދު ވަނީބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.