އުމްރާ އަށް ދިއުމަށްޓަކައި މަޝްއަރު ޓުއާސް އަށް އެއްވެސް ފަރާތަކުން ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިފަދައިން ބުނެފައި ވަނީ މިދިޔަ ރޯދަމަހު ވެސް ބައެއް އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދެއްކި މައްސަލަ ފެންމަތިވެފައިވާ މަޝްއަރު ގްރޫޕުގެ ހަވާލުގައި މިއަހަރު އުމްރާ އަށް ދިޔަ އުމްރާވެރިންތަކެއް މައްކާގައި ތާށިވެފައި ވަނިކޮށެވެ.
އެ މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މަޝްއަރު ގްރޫޕުން މީހުން އުމްރާ އަށް ގެންދިޔައީ އެ ގްރޫޕަކީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ގްރޫޕެއް ކަމަށް ދައްކައިގެން ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި މިހާރު އެ ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ދިޔަ މީހުން މައްކާގައި ތާށިވެފައިވާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރަކީ އަލީ ފާރިޝް ނަމަކަށް ކިޔާ މީހެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އޭނާ އަށް ދީފައިވާ ހުއްދަ އަކީ އެ މިނިސްޓްރީން ބާތިލް ކޮށްފައިވާ ހުއްދައެއް ކަމަށެވެ. އެހެންކަމުން އުމްރާ އަށް ދިއުމަށް އެ ގްރޫޕަށް ނުވަތަ ފާރިޝް އަށް ފައިސާ ނުދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
މީގެއިތުރުން އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި ވިޔަފާރި އުސޫލުން މީހުން އުމްރާ އަށް ނުގެންދިއުމަށާއި އަދި އެފަދަ ހުއްދަ ނެތް އެއްވެސް ކުންފުންޏަކަށް ނުވަތަ ގްރޫޕަކަށް ފައިސާ ނުދެއްކުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
މަޝްއަރު ޓުއާސްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު