ކުރީގެ ރައީސް ޔާމީން ޖަލަށްލި މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ތާވަލު ކޮށްފައި ވާތީ އެކަމާއި އުފާ ކުރައްވާ ކަމަށާއި ދުއާ އަކީ ރައީސް ޔާމީނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން މިރޭ މާލޭގައި ބޭއްވި ރައްޔިތުން މަޖިލީހުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ދުއާއަކީ، އަބަދުވެސް ދަންނަވަމުން އައި ގޮތަށް ރައީސް ޔާމީން މިނިވަން ވެގެން އައުން ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމުގެ މައްސަލަ ހައިކޯޓުން ތާވަލު ކުރީތީ އުފާ ކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާ އަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްސަލަ ތާވަލު ކޮށްފައި މިވަނީ ޔާމީންގެ ޝަރީއަތުގެ މައްސަލަ ލަސްވާ މައްސަލަ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށް، އެ ކޮމިޝަނުގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ޖޭއެސްސީ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އަށް ނުފޫޒު ފޯރުވަމުން މިއަދާއި ހަމައަށް ވެސް ދިޔައީ އެމްޑީޕީން ކަމަށެވެ. އަދި އަސްލަމް ޖޭއެސްސީ އަށް އެ މައްސަލަ ހުށަހެޅުމާއެކު އެ މައްސަލަ އެޖެންޑާ ކުރުން އެއީ އެކަމުގެ ހެއްކެތްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ޔާމީނަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވުމާއި ގުޅިގެންނެވެ. އެމަނިކުފާނަށް ހުކުމް ކުރީ 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު 21 ގައި ވަނީ ނިންމާލާފައެވެ.
ނަމަވެސް އޭގެފަހުން އެއްވެސް އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ. އެކަމުގެ ކަންބޮޑުވުން ޔާމީންގެ ވަކީލުނާއި ސަޕޯޓަރުން އަންނަނީ ފާޅު ކުރަމުންނެވެ. ހައިކޯޓުން ވަނީ އެ ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކާއި ބަލާއިރު ޔާމީންގެ މައްސަލަ އެ ކޯޓުގައި ލަސްވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ބުނެފައެވެ.