މަޝްއަރު ޓުއާސްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް މިއަދު ރިޕޯޓްކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާ ހިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ މިދިޔަ ރޯދަމަހު ވެސް ބައެއް އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދެއްކި މައްސަލަ ފެންމަތިވެފައިވާ މަޝްއަރު ގްރޫޕުގެ ހަވާލުގައި މިއަހަރު އުމްރާ އަށް ދިޔަ އުމްރާވެރިންތަކެއް މައްކާގައި ތާށިވެފައި ވަނިކޮށެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ އެ ގްރޫޕުގެ ހަވާލުގައި އުމްރާވެރިން އުމްރާ އަށް ދިޔަތާ ކައިރީގައެވެ. އެއީ އެ ގްރޫޕަށް ޓިކެޓް ވިއްކި އޭޖެންޓް އޭސް ޓްރެވަލްސް އަށް ރިޓާން ޓިކެޓަށް ވާ ފައިސާ ނުދެއްކުމުން ފެންމަތިވި މައްސަލައެކެވެ. އެ މައްސަލަ ފެންމަތި ކުރީ އޭސް ޓްރެވަލްސްގެ ވެރިޔާ މުހައްމަދު ފިރާގެވެ.

ބައެއް މީޑިއާތަކަށް އޭރުވެސް ފިރާގު ވަނީ މަޝްއަރު ގްރޫޕަށް ފައިސާ ދެއްކުމަށް އެކި މުހުލަތު ދީފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ކަންތައް ކުރީ އުމްރާވެރިންގެ މަސްލަހަތަށް ބެލުމަށްފަހު ކަމަށް އޭނާ އޭރު ވިދާޅުވެފައިވެއެވެ.

އެ ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ދިޔަ އުމްރާވެރިން ފުރަން ފުރަތަމަ އޮތީ މިއަދުއެވެ. ނަމަވެސް ފަހު ވަގުތު ދިމާވި މައްސަލައަކުން ކަމަށް ބުނެ އެ ގްރޫޕުގެ ހަވާލުގައި ދިޔަ އުމްރާވެރިންނަށް ފުރޭ ގޮތެއް ނުވިއެވެ. އަދި ފަހުން މަޝްއަރު ގްރޫޕުން ވަނީ އެކި ފްލައިޓުތަކުގައި އެކި މީހުން ފުރާ ނިންމާ އެކަން ވައިބާ ގްރޫޕެއްގައި ހިއްސާ ކޮށްފައެވެ. އެންމެ ފަހު މީހުން ފުރުމަށް އޮތީ މިމަހުގެ 18ވަނަ ދުވަހުއެވެ.

ނަމަވެސް "ހަތާވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މަޝްއަރު ގްރޫޕުން އުމްރާވެރިންނަށް ވަނީ އެ ގްރޫޕަށް ދިމާވި މައްސަލައަކާއި ގުޅިގެން ރިޓާން ޓިކެޓަށްވާ ފައިސާ ނުދެއްކި އޮތްކަން ހާމަ ކޮށްފައެވެ. އަދި ފައިސާ ހުރި ނަމަ، އަމިއްލަ ހަރަދުގައި ރިޓާން ޓިކެޓު ނަގައިގެން ފުރުމަށް އަންގާފައިވެއެވެ. އަދި ރިޓާން ޓިކެޓު އަމިއްލަ ހަރަދުގައި ނަގާ ފަރާތްތަކަށް މަޝްއަރު ގްރޫޕުން 30 ދުވަހުގެ ތެރޭގައި ފައިސާ ހަމަޖައްސައި ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އެ ގްރޫޕުގެ ހަވާލުގައި ދިޔަ ގިނަ އުމްރާވެރިން ތިބީ "ހަދާނެ ގޮތް" ހުސްވެފައެވެ. އެފަރާތްތައް ފައިސާ ދެއްކީ ދެކޮޅު ޓިކެޓާއި އެއްކޮށެވެ.

އަލް މަޝްއަރު ހައްޖު އުމްރާ ގްރޫޕުގެ ފަރާތުން މީހުން ހައްޖާއި އުމްރާ އަށް ގެންދިއުމުގެ ހުއްދަ މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ވަނީ ބާތިލް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން އަދި އެ މިނިސްޓްރީން އަމަލުކުރާނެ ގޮތެއް ސާފެއް ނޫނެވެ. ސަބަބަކީ މި ގްރޫޕަކީ ހުއްދަ ދެވިފައިވާ ގްރޫޕަކަށް ނުވުމެވެ.