ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް މީގެކުރިން ވެސް ކޮށްފައި ނޯންނާނެ ކަމަށާއި އަދި މިހާރުވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް އެމަނިކުފާނު ރައްދު ދެއްވައިފިއެވެ.

ޕީއެންސީ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (އިބުޓީ)ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީގެކުރިން އެމަނިކުފާނު ކުރިމަތިލެއްވި އެހެން އިންތިހާބުތަކުގައި ވެސް އެމްޑީޕީން އެކި ކަހަލަ ވާހަކަތައް ދެއްކި ކަމަށެވެ. އަދި އޭރު އެމްޑީޕީ ސަރުކާރު އޮވެމެ، އެމަނިކުފާނަށް އެކި ތުހުމަތުތައްކޮށް އެކި މުއައްސަސާތަކަށް އެމަނިކުފާނު ހާޒިރު ކުރެއްވިކަން ފާހަގަކުރެއްވިއެވެ.

"މީގެކުރިން މޭޔަރު އިންތިހާބުގައި ވެސް ފަހުވަގުތު ގޮތް ހުސްވީމާ އަޅުގަނޑުގެ އަބުރު ކަތިލަން ފެށީ. މާލޭގެ ރައްޔިތުން އެކަން ގަބޫލެއް ނުކުރި. އަޅުގަނޑު ގެންގޮސް އެކިކަހަލަ މައްސަލަތަކުގައި ސުވާލުކޮށް ޝަރީއަތްކޮށް ކަންކަން ކުރި ނޫންތޯ. ޝަރީއަތް ވެސް ކުރި. އެއިން އެއްވެސް ކަމެއް ސާބިތެއް ވެސް ނުވޭ. ދެން ރިޔާސީ އިންތިހާބު އައީ. ހަމަ އެކި ކަހަލަ ވާހަކަދައްކައިގެން ރައްޔިތުން ގަބޫލު ނުކުރީމާ ދެން ހަމަ ބުހުތާނު ދޮގު ހަދައިގެން އަޅުގަނޑުގެ އަގު ވައްޓާލަން މަސައްކަތްކުރި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ މޭޔަރު އިންތިހާބުގައި ވެސް އެމަނިކުފާނަށް ކުރެއްވި ތުހުމަތުތައް އިދާރާތަކުން ބެލުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

"ބެލީމާ ފެންނާނޭ ތީގެއިން އެއްވެސް ކަމެއްގައި ނެތްކަން ހަގީގަތެއް. އެކި ކަހަލަ އެކިއުޒޭޝަން [ތުހުމަތުތައް] އޭރުގައިވެސް އައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ އެމަނިކުފާނަށް އާ ވާހަކަތަކެއް ނޫން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިއަދުވެސް ދައްކަމުން ގެންދާ ވާހަކަތަކަކީ އޭރުވެސް ދެއްކި ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އޭރުވެސް ދެއްކި ވާހަކަތައް މިހާރުވެސް ދައްކަން އޮންނާނީ. ގާނޫނާ ގަވާއިދާ ހިލާފަށް އޭރުގައިވެސް ކަމެއް ކޮށްފައެއް ނޯންނާނެ. މިއަދަކުވެސް ނުކުރާނަން. އަދި ކުރިޔަށް އޮތްތާވެސް އަޅުގަނޑެއް ނުކުރާނަން،" ރައީސް ވިދާޅުވިއެވެ.

"އުޑުގައި ޖެހުނަސް ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ،"

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ ހައްގެއްގައި ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.