އެއީ އަބަދުވެސް މަޑުމޮޅި ހިތެއްގެ ވެރިއެކެވެ. ހިނިތުންވުމާއެކު އެންމެންނާ ބައްދަލުކުރާ، ސާދާކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މިސާލެކެވެ. އެންމެންނާ ވެސް ގުޅޭ ސަކަމިޒާޖުގެ ހިތެއްގެ ވެރިއެކެވެ. ކިބުރުވެރިކަމާ، ބޮޑާކަމުގެ ސިފަ ނެތް މީހެކެވެ. އަމިއްލަ މަސައްކަތުން ކުރިއަރަމުން އަންނަ ދާއިރާއަށް އުފަން ދަރިއެކެވެ. ވެއްޓުމުން ތެދުވެ ހަށިފޮޅާލަން އެނގޭ އަދި ކުރިއަށް ވުރެ ބާރަށް ދުއްވައިގަންނަން މޮޅު މީހެކެވެ.
ރ. މަޑުއްވަރީ ހުސްނޫވިލާ، ނަޞްރުﷲ ޙުސައިންއަކީ ފާލުން ނެއްޓިފައިވާ ކަންކަން މިސްރާބުކޮށް ހަމަމަގަށް އެޅުވުމުމަށް މަސައްކަތް ކުރާ މީހެކެވެ. އަދި ހަލާލު މަސައްކަތުން ދިރިއުޅެން ދަސްކޮށްދޭ، ތާޙިރު ދިރިއުޅުމަކަށް ލޯބިކުރާ މަޑުމޮޅި މީހެކެވެ.
ނަސްރު މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައެވެ. އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށްގެންނެވެ. އޭނާގެ ކެންޑިޑޭޓް ނަންބަރަކީ 2 އެވެ.
"އިންޝާﷲ. އަޑުއަހާނެ. އަޑުއިއްވާނެ. އަބަދުވެސް އެކުގައިވާނެ. ޙައްޤުތައް ކަށަވަރު ކޮށްދޭނަން،" ކުރުކޮށް ނަސްރު ވިދާޅުވީ އޭނާގެ އަޒުމެވެ.
"ތަރައްޤީއަކީ އިންސާނާގެ މީޒާން ތެދުކޮށް، ސާފު ބަހާއި ޢަމަލުން މިސްރާބުކޮށް ގުދުރަތުގެ ތަބީޢީ ސިފަ ޖެހިފައިވާ، މިކުދި ރަށްތަކުގެ ކަރާމާތްތެރި ޙިކުމަތްތެރި ޖީލެއް ބިނާކުރުވަން އެހީތެރިކަން ދެވިގެންދާ ބަދަހި ވިސްނުމާއި ކުރިއެރުން،" އޭނާގެ ތަސައްވުރު ކިޔައިދެމުން ނަސްރު ވިދާޅުވިއެވެ.
ސާނަވީ ތަޢުލީމުގެ ހަރުފަތް ގިރާކުރުމަށްފަހު ނަސްރު ފަތުރުވެރިކަމުގެ ދާއިރާގައި އެކައުންޓެންޓު ވަޒީފާއިން ފެށިގެން ތަފާތު އެކި ގިންތީގެ އަމިއްލަ ވިޔަފާރީގެ މަސައްކަތްތައް ކުރެއްވިއެވެ. އަދި މަޑުއްވަރީ ކައުންސިލްގެ ދެ ވަނަ ދައުރުގައި ކައުންސިލަރުކަން ކުރެއްވިއެވެ. ކައުންސިލަށް އިންތިހާބުވީ ރައްޔިތުންގެ ނުހަނު ބޮޑު އަޤުލަބިއްޔަތަކުންނެވެ.
ނަސްރު ވަނީ އެމްޑީޕީ މަޑުއްވަރީ ދައިރާގެ ނައިބް ރައީސްކަން ކުރައްވާފައެވެ. ދާއިރާގެ ހުރިހާ އިންތިހާބެއްގައި ޕާޓީގެ ފަރާތުން ކެމްޕެއިން މެނޭޖަރުކަން ކުރެއްވިއެވެ. ހަމަ މިއާއެކު ނިމިދިޔަ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުކަމުގެ މަޤާމާ އަދާކުރެއްވިއެވެ.
ނަސްރަކީ މޮޅު ލިޔުންތެރިއެކެވެ. އަދި ނޫސްވެރިއެކެވެ. މަޑުއްވަރީ އޮންލައިން ހިންގަނީ އޭނާއެވެ.
އޭރުވެސް މިހާރުވެސް ބަސްބުނެ ދާއިރާއަށް ހެޔޮގޮތް ހޯދުމުގައި ކެނޑިނޭޅި މަސައްކަތްކުރި ޒުވާނަކީ ނަސްރެވެ. މިއަދު އޭނާ ނުކުމެ އެހުރީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާގެ ދެ ރަށް (މަޑުއްވަރީ / މީދޫ) ތަމްސީލުކޮށްދޭށެވެ. މަޖިލީހުގެ ތަޅުމުގައި ދާއިރާގެ ދެ ރަށުގެ އަޑުއިއްވައި، ރައްޔިތުން އެދޭ ފަދަ ބަދަލަކަށް މިއަދު ފޫގަޅާލާފައި ނުކުމެ އެ ހުރީ ފިސާރި ކެރިގެންނެވެ. އަދު މިދެކޭ ވެރިކަމުގެ އާރާއި ބާރުގެ ތެރެއިން ވެސް ދާއިރާއަށް ހެޔޮ މިންވަރު ހޯދުމަށް ނަޞްރަކީ ހިކުމަތްތެރި ކުޅަދާނަ މޮޅު ކުޅުމެއް ކުޅެދޭނެ ބުންވަރު ހުރި ފަޙްލަވާނެކެވެ. ވަކިން ޙާއްސަކޮށް ދާއިރާއަށް ނުހަނު ލޯތްބާއެކު ކުރިއެރުމާއި ފާގަތިކަން ގެނެސްދިނުމުގެ އަޒުމާއި ހިތްވަރު އޭނާ ހުންނާނެއެވެ.
ނަޞްރު މަޑުއްވަރީ ދާއިރާއަށް ކުރާ އުންމީދު ވަރަށް ވެސް ފުރިހަމައެވެ. މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބުވެއްޖެނަމަ، އޭނާގެ ދާއިރާގެ ރީތި އުޖާލާ ފަހި އުންމީދީ ތަސައްވުރުގައި ހަގީގީ ކުލަ ޖައްސާނެއެވެ. ފުރަތަމަ ދުވަހުން ފެށިގެން އޭނާ ކުރާނީ އެ މަސައްކަތެވެ. އޭނާގެ ފަހަތުގައި ރަނގަޅު ހަރުދަނާ ވަރުގަދަ ޓީމެއް އެބައޮތެވެ. ދެން އޮތީ އިންތިހާބު ކާމިޔާބު ވުމެވެ.
ކެނޑިޑޭޓް ނަމްބަރ 2، ނަޞްރުﷲ ޙުސައިން، ހުސްނޫވިލާ، ރ. މަޑުއްވަރީ