ސިޔާސީ ކޮންމެ ފިކުރެއްގެ މީހަކު ވެސް އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަ ވާނެ ކަމަށާއި އެހާ ސާފުކޮށް އޮތް ސިޔާސަތަކާއި ދެކޮޅަށް ޕާޓީގެ އެހެން ފަރާތްތައް ވެސް ވާހަކަ ނުދެއްކެވުމަށާއި އަދި ރޭ ޕީޕީއެމް / ޕީއެންސީގެ ކެމްޕެއިން ޖަލްސާއެއްގައި މީހަކު ވަޒީފާގެ ބިރު ދައްކައި ދެއްކެވި ވާހަކައާ ގުޅިގެން ހިތާމަ ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ، ވަޒީފާތަކުގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ޕީޕީއެމް / ޕީއެންސީ އަށް ތާއީދުކުރާ ފަރާތަކުން ދެއްކި ވާހަކައަކާއި ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އިންސުރެ އެ ވީޑިއޯ އަންނަނީ ދައުރުވަމުންނެވެ. ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ އެ ވީޑިއޯ އިން ފެންނަނީ ހިންނަވަރު ދާއިރާ އަށް ޕީޕީއެމް / ޕީއެންސީގެ ފަރާތުން ވާދަކުރާ މުހައްމަދު އަބްދުއްރަހްމާން އަށް ތާއީދު ހޯދުމަށް ބޭއްވި ކެމްޕެއިން ހަރަކާތެއްގައި އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ވާހަކަދައްކާ މަންޒަރެވެ.
އެ ވީޑިއޯގައި ވާހަކަދައްކާ ހަންޓާ އަހުމަދު ވަނީ ވަޒީފާތަކުގައި ތިބި މީހުންނަށް، އެއީ އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ މީހުންކަމުގައިވީ ނަމަވެސް ސަރުކާރުގެ އިސް ފަރާތްތައް ގުޅައިގެން ސަރުކާރު ކެންޑިޑޭޓުންނަށް އެއްބާރުލުން ދިނުމަށް އެދި ދަންނަވަން ޖެހޭ ކަމަށް ބުނެފައެވެ.
"އަޅުގަނޑުމެންނާއި ގުޅިވަޑައިނުގެންފި ކަމުގައި ވަނީ ނަމަ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އެބަޖެހޭ އަޅަން އެނގޭތޯ،" އޭނާ އެ ވީޑިއޯގައި ބުނެއެވެ.
ފ. ނިލަންދޫ އަށް މިރޭ ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސިޔާސަތީ ވަރަށް ސާފުކޮށް އޮތް ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ. އެއީ ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ހަމަހަމަ ވާނެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ކަމާއެކު ހިދުމަތް ދިނުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށާއި އެހާ ސާފުކޮށް އޮތް ސިޔާސަތަކާއި ހިލާފުވާ ގޮތަކަށް ޕީޕީއެމް / ޕީއެންސީގެ އެއްވެސް ފަރާތަކުން ވާހަކަ ދެއްކެވުމަކީ އެމަނިކުފާނު ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
މި މައްސަލާގައި އިދިކޮޅު އެމްޑީޕީން ވަނީ ބަޔާނެއް ނެރެ އެކަން ކުށްވެރި ވެސް ކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ އެ ވީޑިއޯ އިން ފެންނަ މީހާ ދައްކަމުން ގެންދާ ވާހަކައަކީ އެއްވެސް ހާލަތެއްގައި ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އެހެންކަމުން ފުއާދު އެދުނީ އިންތިހާބީ ކަންކަމާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ގާއިމް ކޮށްފައިވާ ގައުމީ ކޮމްޕެލެއިންސް ބިއުރޯ އަށް މައްސަލަ ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.