ހައިކޯޓުގައި އޮތް ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ މައްސަލަ ލަސްވާ މައްސަލަ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށް، އެ ކޮމިޝަނުގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވާފައިވާ ކަމަށް ވިދާޅުވެ، އަސްލަމް ދެއްކެވި ވާހަކަފުޅަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރައްދު ދެއްވައިފިއެވެ.
އައްޑޫ ސިޓީގައި އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ހަރަކާތެއްގައި ވާހަކަދައްކަވަމުން އަސްލަމް ރޭ ވިދާޅުވީ ޔާމީންގެ ޝަރީއަތް ލަސްވަނީ ސަރުކާރުން އެކަމުގެ ތެރެއަށް އަތްބާނަމުން ދާތީކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެހެންކަމުން އެ މައްސަލަ މާދަމާ ޖޭއެސްސީ އަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އެގޮތަށް ވާހަކަދެއްކެވި ވީޑިއޯ "ހަތާވީސް" އިން ސޯޝަލް މީޑިއާގައި ވާނީ ޕޯސްޓު ކޮށްފައެވެ. އަދި އެކްސްގައި ކޮށްފައިވާ ޕޯސްޓަށް ރައްދު ދެއްވާ ބާރަށު ދާއިރާގެ މަޖިލިސް ގޮނޑިއަށް ސަރުކާރުގެ ފަރާތުން ވާދާ ކުރައްވާ ޝުޖާ ވިދާޅުވީ ޔާމީން ޖަލަށްލުމުން އެކަމުގެ ކަންބޮޑުވުން ހިފައިގެން މީގެކުރިން އަސްލަމްގެ އަރިހަށް ވަޑައިގެންނެވި ކަމަށާއި ދެއްވި ޖަވާބު މިއަދު ވެސް ހަރުލާފައި އެބަހުރި ކަމަށެވެ.
"ތިބޭފުޅާ އެދުވަހު ވިދާޅުވީ ރައީސް ޔާމީން އޮންނަންޖެހޭނީ ޖަލުގަ ކަމަށް.ގެއަށް ބަދަލު ކުރެވޭނީ އިބޫ އަށް 2ވަނަ ދައުރެއް ލިބުނީމަކަމަށް.ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް.މިއަދު ވެސް ތިބޭފުޅުންގެ އަތުގަ ބާރު އޮތީ.އަހަރެމެން އަގައިން އައުގުރާނަ ގޮއްވަން ނޫޅެބަލަ،" ޝުޖާ ވިދާޅުވިއެވެ.
ޝުޖާގެ އިތުރުން ޕީޕީއެމްގެ ޕީޖީ ލީޑަރު ސަލީމް ވެސް ވަނީ "ހަތާވީސް" އިން ޕޯސްޓުކުރި އަސްލަމްގެ އެ ވީޑިއޯ އަށް ރައްދު ދެއްވައިފައެވެ.
"އަސްލަމް ކޮބާ ކަލޭގެ ލަދު ހަޔާތް. އަޅުގަނޑު ކައިރީގައި ކަލޭ ބުނީ ލާހިކެއް ނޫނޭ އިންތިހާބުގެ ފަހުން ނޫނީ ރައީސް ޔާމީން ގެއަށް ވެސް ގެންނާކަށް،" ސަލީމް ވިދާޅުވިއެވެ.
އަސްލަމް ދެއްކެވި އެ ވާހަކައަށް ސަރުކާރުގެ ބައެއް އެހެން އިސްވެރިންނާއި ޕީޕީއެމް / ޕީއެންސީގެ ބައެއް އާއްމު މެންބަރުން ވެސް އަންނަނީ ރައްދު ދީ އަސްލަމަށް ފާޑު ކިޔަމުންނެވެ.
ޔާމީން އަށް ކްރިމިނަލް ކޯޓުން ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފު ވެސް ކުރައްވައިފައެވެ.
ނަމަވެސް އެ މައްސަލައިގެ ޝަރީއަތް މާ ބޮޑަކަށް ހައިކޯޓުގައި ނުއެއް ހިނގައެވެ. ހައިކޯޓުން ވަނީ އެ ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކާއި ބަލާއިރު ޔާމީންގެ މައްސަލަ އެ ކޯޓުގައި ލަސްވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ބުނެފައެވެ.