ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ، ވަޒީފާތަކުގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކައިގެ ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އެދިއްޖެއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އިންސުރެ އެ ވީޑިއޯ އަންނަނީ ދައުރުވަމުންނެވެ. ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ އެ ވީޑިއޯ އިން ފެންނަނީ ހިންނަވަރު ދާއިރާ އަށް ޕީޕީއެމް / ޕީއެންސީގެ ފަރާތުން ވާދަކުރާ މުހައްމަދު އަބްދުއްރަހްމާން އަށް ތާއީދު ހޯދުމަށް ބޭއްވި ކެމްޕެއިން ހަރަކާތެއްގައި އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ވާހަކަދައްކާ މަންޒަރެވެ.
އެ ވީޑިއޯގައި ވާހަކަދައްކާ ހަންޓާ އަހުމަދު ވަނީ ވަޒީފާތަކުގައި ތިބި މީހުންނަށް، އެއީ އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ މީހުންކަމުގައިވީ ނަމަވެސް ސަރުކާރުގެ އިސް ފަރާތްތައް ގުޅައިގެން ސަރުކާރު ކެންޑިޑޭޓުންނަށް އެއްބާރުލުން ދިނުމަށް އެދި ދަންނަވަން ޖެހޭ ކަމަށް ބުނެފައެވެ.
"އަޅުގަނޑުމެންނާއި ގުޅިވަޑައިނުގެންފި ކަމުގައި ވަނީ ނަމަ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އެބަޖެހޭ އަޅަން އެނގޭތޯ،" އޭނާ އެ ވީޑިއޯގައި ބުނެއެވެ.
އޭނާގެ ވާހަކައިގައި ވަނީ "އަޅުގަނޑު މިނިސްޓަރުގެ އަރިހުންވެސް އެދެނީ" މި މޭރުމުން ވާހަކަދައްކައިފައެވެ. އެހެންކަމުން ބެލެވެނީ އެ ކެމްޕެއިން ހަރަކާތުގައި ސަރުކާރުގެ ފަރާތުން ވަޒީރަކު އެ ހަރަކާތުގައި އިންނެވި ކަމަށެވެ. ނަމަވެސް އިންނެވީ ކޮން ވަޒީރެއް ކަމެއް ނޭނގެއެވެ.
"އަޅުގަނޑު މިނިސްޓަރުގެ އަރިހުންވެސް އެދެނީ ރައީސަށް ދަންނަވައިގެން ވިއަސް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ހާއްސަކޮށް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރެއް އަޅުގަނޑުމެންގެ ކެންޑިޑޭޓަށް [ހިންނަވަރު ދާއިރާއަށް ވާދަކުރާ ސަރުކާރު ކެންޑިޑޭޓު] އަށް ދީގެން ވަޒީފާތަކާއި އެއްޗެހި ފުރުސަތުތައް އަޅުގަނޑުމެންނަށް ލިބޭނެ ގޮތަކަށް މަގުފަހި ކޮށްދިނުން،" ހަންޓާ އަހުމަދު ބުނެއެވެ.
އެ ވީޑިއޯއާ ގުޅިގެން އެކްސްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ އެ ވީޑިއޯ އިން ފެންނަ މީހާ ދައްކަމުން ގެންދާ ވާހަކައަކީ އެއްވެސް ހާލަތެއްގައި ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އެހެންކަމުން ފުއާދު އެދުނީ އިންތިހާބީ ކަންކަމާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ގާއިމް ކޮށްފައިވާ ގައުމީ ކޮމްޕެލެއިންސް ބިއުރޯ އަށް މައްސަލަ ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ގުޅިގެން ސަރުކާރުން ވަޒީފާގެ ބިރުދައްކާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން އަންނަނީ އެ ވާހަކަތައް ދޮގު ކުރަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ