ކުރިޔަށް އޮތް އަހަރުތަކާއި އީދުތަކުގައި ރާއްޖޭގެ އެހެން ރަށްތައް ވެސް "އީދު އަލިން" ދިއްލާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރާއްޖޭގެ ރަށްތައް ފިތުރު އީދަށް ދިއްލާލުމަށް "އީދު އަލި" ހަރަކާތް ފެށުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށުގައިވެސް އީދު އަލި ދިއްލުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.
"ވަރަށް ގިނަ ރައްތަކުން ރިކުއެސްޓް އާދޭ އެ ރަށްތަކުގައި ޢީދު ލައިޓް ހަރުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، މިއަންނަ އަހަރަށް އަދި އަޟްހާ އީދަށް ރަށްތައް މިއައްވުރެ [އީދު އަލިން] ގިނަ ކުރާނަން،"
ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމް ގައުމެއް ކަމަށެވެ. އެހެންކަމުން، އީދު ދުވަސް އަންނަކަން، ކުރީންސުރެ އެއަށް އިންތިޒާރުކޮށް އީދު ދުވަހަށްޓަކައި ތައްޔާރުވެ، އީދުގެ އުފަލުގައި ފުރިހަމަ އަށް، ދީނީ ހަމަތަކުގެ މަތިން ބައިވެރިވެ އީދުގެ އުފާ ފާޅުކުރަން ވާނެ ކަމަށެވެ.
ޢީދު އަލި" ރަސްމިއްޔާތުގައި ޖުމްހޫރީ މައިދާނުގައި ހުރި ފައްވާރުވެސް މަރާމާތުކޮށް، އަލުން ވަނީ އިފްތިތާހުކޮށްފައެވެ.
ރިޔާސީ އިންތިހާބުން ލިބިވަޑައިގަތް ކާމިޔާބީއާއި ގުޅިގެން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގައި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި، އީދުގެ އުފާ ފާޅުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތައް ދިއްލައި އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން މާލޭގެ މަގުތައް ޒީނަތްތެރި ކުރުމަށް ދިއްލާ ލައުޑް ސްޕީކަރުން ތަކުބީރު ޖަހާފައި ހުރުމުން އެތައް ބައެއްގެ ތައުރީފު އެކަމުން ލިބިގެން ދިޔަކަން އެރޭ ފާހަގަކުރައްވާފައެވެ.