މީގެކުރިން އައްޑޫ ސިޓީން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ އަށް މެޖޯރިޓީ މެންބަރުން އިންތިހާބު ކުރި ނަމަވެސް، އެ ތާރީހު ބަދަލުކޮށްދެއްވާ އެ ސިޓީން މިފަހަރު މަޖިލީހަށް ކުރިމަތިލާފައިވާ ސަރުކާރު ކެންޑިޑޭޓުން އިންތިހާބު ކޮށްދެއްވުމަށް އެ ސިޓީގެ ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ އަރިހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި އައްޑޫ ސިޓީ މަރަދޫ ދާއިރާ އަށް ސަރުކާރު ފަރާތުން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތެއްގައި މިރޭ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި އައްޑޫ ސިޓީއަކީ މުހިއްމު ތަނެއްގެ ގޮތުގައި ކަނޑައަޅާފައި ވާނެ ކަމަށެވެ.

ދެމެހެއްޓެނެވި ތަރައްގީގެ ސިޔާސަތުގެ ދަށުން ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯނެއް ތަރައްގީ ކުރަން ސަރުކާރުން ކަނޑައަޅާފައިވާއިރު އެތަނުގެ އެންމެ މުހިއްމު ތަރައްގީގެ ނާރެހަކީ އައްޑޫ ސިޓީ ކަމަށް ރައީސް ވިދާޅުވިއެވެ.

"އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަކަށް ތަރައްގީ ގެނައުމަށް ރައްޔިތުން އަޅުގަނޑަށް މި މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް އެދެނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަން އެމަނިކުފާނަށް ކުރެވެން ފަސޭހަފުޅު ވާނީ މަޖިލިސް ސަރުކާރަށް ލިބިގެން ކަމަށެވެ. އެކަމުގެ މިސާލެއް ދައްކަވަމުން ރައީސް ވަނީ ގައުމީ ތަރައްގީގެ ޕްލޭން ވެސް އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ފާސްވެގެން ދާނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

"ސަބަބަކީ އަޅުގަނޑު ބޭނުން އަދި އަޅުގަނޑު ކަނޑައަޅާ އިއުލާނު ވެސް ކޮށްފައި އޮންނާނީ 20 އަހަރު ދުވަހުގެ ދުރު ރާސްތާ ތަރައްގީގެ މާސްޓާ ޕްލޭނެއް އެކަމަށްޓަކައި ހާއްސަ ގާނޫނެއް ހަދައިގެން ގާނޫނަކުން ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި ލިބިދޭ މާސްޓާ ޕްލޭނެކޭ އަޅުގަނޑުމެން ހަދަން ބޭނުންވަނީ،" ރައީސް ވިދާޅުވިއެވެ.

އެހެންވީމާ މިފަހަރު އައްޑޫ ސިޓީގެ ހުރިހާ ދާއިރާތަކަކަށް އަޅުގަނޑު ހަމަ ވަރަށް އިހުލާސްތެރިކަމާއެކު ދަންނަވާލަން ބޭނުންވަނީ ތާރީހު ބަދަލު ކޮށްދެއްވާށޭ. އަޅުގަނޑަށް މިކަމުގައި އިތުބާރު ކޮށްދެއްވާށޭ,
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އަބަދާއި އަބަދު އެއްބަޔަކަށް އައްޑޫ ސިޓީގެ ކަންކަމަށް ބަސް ކިޔުމަށް ދީފައި އޮތް އޮތުމުން ވީ ކަމެއް މިހާތަނަކަށް ނެތް ކަމަށެވެ. އެހެންކަމުން މިމަހުގެ 21ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި މާނަހުރި ތަރައްގީގެ ވިސްނުމުގައި ނިކުމެފައިވާ ކެންޑިޑޭޓުން އިންތިހާބު ކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.