ކުޑަކުދިން ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ސަރުކާރުން ނިންމައިފިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު މިހާރު ބުނާ ގޮތުގައި ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުގައެވެ.
މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން އެ ކުއްޖާއަށް އަނިޔާކުރި ބަޔަކު ދެނެގަނެ، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމާބެހޭ އިދާރާތަކުން އަންނަނީ ބަލަމުންނެވެ.
އެކަން ކުރިކަމަށް ޔަގީން ކުރެވެނީ އއ.ރަސްދޫގައެވެ. ފުލުހުންދަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި، ތަހުގީގު ކުރަމުންނެވެ.
އެކަމާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ގާނޫނުގައި ކުޑަކުދިން ކުށަށް ޒިންމާވާން ޖެހޭ ކަމަށް ބަޔާން ކޮށްފައި އޮތީ 15 އަހަރު ކަމަށްވީ ނަމަވެސް ކުށުގެ ވެށީގައި 200 އެއްހާ ކުދިން މިހާރުވެސް އެބަތިބި ކަމަށެވެ. އަދި ގާނޫނު އޮތް ގޮތުން އެކުދިންނަށް ދޭންޖެހޭ އަދަބު ދިނުމުގައި ދަތިތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މުޅި ރާއްޖޭގައި އެޓް ރިސްކްގައި އަޅުގަނޑުމެން އެޓެންޑް ކުރަންވެފައި ތިބި ކަމަށް މިހާރު ރިކޯޑުތަކަށް އެބަ ދައްކާ 200 އެއްހާ ކުދިން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަދުގެ ސަރުކާރުގެ ވިސްނުމަކީ ކުށަށް ޒިންމާވާން ޖެހޭ އުމުރުފުރާ 12 އަހަރަށް ކުޑަ ކުރުން ކަމަށެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގެ މިސާލު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އިނގިރޭސިވިލާތުގައި 10 އަހަރުގައި ކުށަށް ޒިންމާވާން ޖެހޭ ކަމަށާއި އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި 11 އަހަރުގައި ކުށަށް ޒިންމާވާން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މުޖުތަމައު އަށް ބަލާއިރު މިހާރު ގަބޫލުކުރެވެނީ މި އުމުރުފުރަ އަކީ [ކުށަށް ޒިންމާވާން ޖެހޭ އުމުރު] 12 އަހަރު ކަމަށް،" އިހުސާން ވިދާޅުވިއެވެ.