ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި 1300 އަށްވުރެ ގިނަ ގޯތި ގުޅީފަޅަށް ބަދަލު ކުރަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އިން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށެވެ.
އެހެންކަމުން އެ ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް ކަމަށެވެ. އެގޮތުން ގިރާވަރުފަޅުން ދޫކުރި 1،347 ގޯއްޗެއް ގުޅީފަޅަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
ގުޅީފަޅަށް ބަދަލުކުރުމަށް ނިންމި ގޯތީގެ އަދަދާއި ބޮޑުމިން:
- 1250 އަކަފޫޓުގެ 193 ގޯތި
- 1650 އަކަފޫޓުގެ 663 ގޯތި
- 2050 އަކަފޫޓުގެ 487 ގޯތި
- 2450 އަކަފޫޓުގެ 4 ގޯތި
ގިރާވަރުފަޅުން ދެންނެވިފައިވާ ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން 7 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން 14 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 23:00 ގެ ނިޔަލަށް ތިރީގައިވާ ހިޔާވަހި ޕޯޓަލް (ބިންވެރިޔާ ސްކީމް>ރިކުއެސްޓް ކުރެއްވުމަށް) ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށާއި، އެ ގުރުއަތު ނެގުން އޮންނާނެ ތާރީހެއް އެ މިނިސްޓްރީން އާންމުކޮށް އިއުލާނެކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އެ މިނިސްޓްރީގެ ވެބްސައިޓްގަ އާއި ހިޔާވަހި ޕޯޓަލްގައި ވަނީ އާއްމު ކޮށްފައެވެ.